ޓުއަރިޒަމް ދުވަސް

ޖަޒީރާ ކެނޯ ރޭހާއެކު ދުނިޔޭގެ ފަތުރުވެރިންގެ ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތައް ފަށައިފި

މަރިޔަމް ޝަހުދާ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތައް މިއަދު ވ. އަތޮޅުގައި ކުރިއަށްދިޔަ "ޖަޒީރާ ކެނޯ ރޭސް" އާއެކު ފަށައިފިއެވެ.

މިއަދު މެންދުރު ފަހު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި "ޖަޒީރާ ކެނޯ ރޭސް" ފައްޓަވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. 18 އަތޮޅަކުން ބައިވެރިވި މި ރޭސް ފަށާފައިވަނީ ވ. ކެޔޮދޫއިންނެވެ. އެގޮތުން ކޮންމެ ޓީމެއްގެވެސް އަންހެން ބައިވެރިން ކެޔޮދޫއިން ފެލިދުއަށް ކެނޯގައި ދިއުމުން އެޓީމެއްގެ ފިރިހެން ބައިވެރިން ވަނީ ފެލިދޫއިން ތިނަދުއަށް ދަތުރުކޮށްފައެވެ.

މި ރޭސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ރާއްޖޭގެ ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މިކަންކަން ދެމެހެއްޓުމަށް ނައިބު ރައީސް އެދެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނައިބު ރައިސް ވަނީ މީގެ 27 އަހަރު ކުރިން އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ހަނދާންތާއް އާކުރައްވައިފައެވެ. އަދި ފަތުރުވެރިކަން ރާއްޖޭގައި ފެށުނީއްސުރެ މިއަދާ ހަމައަށް މި ސިނާއަތް ތަރައްގީކޮށް މިހާރުމިއޮތް ހަރުފަތަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ޝުކުރު ދެންނެވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު 27 ގައެވެ.