ކޮންމެ ކަމެއްގެ ހަގީގަތް އެނގުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސިޔާސަތަށް ތައުރީފު ކުރަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެހެން ވިދާޅުވީ، ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމުކުރާ މެރިޓައިމް ސިލްކުރޫޓަށް އެއްބާރުލުން ދިނުމަށް އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ، ކުރީ ސަރުކާރުން ސިލްކް ރޫޓް ގައި ބައިވެރިވާން ނިންމުމުން، އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް އެކަންވީ ބޮޑު "ދަންތުރަ"އަކަށް ކަމަށެވެ.
"މިއަދު އެއީ ލިބުނު ޝަރަފެއް. ޗައިނާގެ އިންވެސްޓްމެންޓްތައްވެސް އަދި މިހާރު ބެލްޓް އެންޑް ރޯޑްވެސް!" ސައީދު ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާގެ މެރިޓައިމް ސިލްކު ރޫޓުގައި ބައިވެރިވާން ނިންމީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅުގައެވެ. އެއީ ރާއްޖެއަށް އުމްރާނީ ގޮތުންނާ އިގްތިސާދީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ ކަމެއް ކަމުގައި އޭރުގެ ސަރުކާރުން ބުންޏެވެ.
ސިލްކް ރޫޓުގައި ބައިވެރިވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މަސައްކަތާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ޗައިނާއިން ރާއްޖޭގައި ފެށިއެވެ.