މާލޭގައި ރަޖިސްޓްރީވެފައިވާ ފަގީރުންނަށް މިއަދު މުދަލު ޒަކާތް ބަހަން ފަށައިފިއެވެ.
މުދަލު ޒަކާތް ބެހުން ކުރިއަށް ގެންދަނީ މިއަދާއި މާދަމާ ހެނދުނު 9:30އިން މެންދުރުފަހު 2:30ގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދޫކުރާނީ، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ނުވަތަ ޕާސްޕޯޓާ ޑްރައިވިން ލައިސަންސްގެ އަސްލު ގެނައުމުން ކަމަށެވެ. އަދި ކިޔު ނަންބަރަކަށް ގިނަ ވެގެން ޒަކާތް ދެވޭނީ 15 އައިޑީ ކާޑަށް ކަމަށާއި، ނަމާދު ވަގުތަށް ޒަކާތް ދޫކުރުން މެދު ކަނޑާލާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި މިއަހަރު 1،719 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ކޮންމެ ބޮލަކަށް މުދަލު ޒަކާތުގެ ގޮތުގައި ލިބޭނީ 2،000 ރުފިޔާ ކަމަށެެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހަނީ 2018 ވަނަ އަހަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 67،060،267.73 (ފަސްދޮޅަސްހަތް މިލިއަން ހަލައްކަ ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ ހަތްދިހަ ތިންލާރި) ވަނީ ލިބިފައެވެ.
އެއީ 2017 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ ކުޑަ އަދަދެކެވެ. އެއަހަރު ފަސްދޮޅަސް އަށް މިލިއަން ހަލައްކަ ސާޅީސް ހަހާސް ސަކޭކަ އަށްޑިހަ ހަ ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.