ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން ދެން އޮންނާނެ ތާރީހު އަވަސްކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިސްގާޒީ އަހުމަރު ހައިލަމް ވިދާޅުވީ، މި ޝަރީއަތުގެ ހުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން ބާއްވާނީ އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.
ނަމަވެސް ފަހުން އެ ތާރީހު ބަދަލުކޮށް، އަންނަ އޮކްޓޯބަރު މަހުގެ ނުވަނަ ދުވަހުގެ 13:00ގައި އަޑުއެހުން ބޭއްވުމަށް ވަނީ ނިންމައިފައެވެ.
އެކަން ކްރިމިނަލް ކޯޓުން އަންގާފައިވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ޔަގީންކޮށްދެއްވައިފައެވެ.
މިއަދުގެ ޝަރީއަތުުގެ މަޖިލީހުގައި އޮތީ ދެ ފަރާތުން ހެކިން ހުށަހެޅުމާއި ހެކިބަޔާބެހޭގޮތުން ވާހަކަ ދެއްކުމެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހެޅުއްވި ހަމައެކަނި ޝަފައީ ހެކި ކަމުގައިވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ޝަރީއަތަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނާ އެއްކޮޅަށް ހެކި ދެއްވުމަށް އުޒުރުވެވަޑައިގެންފައެވެ.
އިސްގާޒީ ވިދާޅުވީ، އެކިބަސް ދެއްވުމަށް އުޒުރުވެރިވެ ވަޑައިގެން އަޒީމާ ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރުގައިވާ ވަގުތަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށާއި، ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ރާއްޖޭން ބޭރުގައި ކަމަށްވާތީ، އާއި މި މައްސަލައިގައި އަދާކުރެއްވޭނެ ހެކިބަހެއް ނެތުމުން ކޯޓަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް، އެ ސިޓީގައި އަޒީމާ ވިދާޅުވެފައިވާ ކަމަށް އިސްގާޒީ ހައިލަމް ވިދާޅުވިއެެވެ.
އެހެންކަމުން އަޒީމާ އިތުރަށް ކޯޓަށް ހާޒިރު ނުކުރަން ނިންމައި، ކިތާބީ ހެކި ކުށަހެޅުމަށް ދައުލަތުގެ ޕްރޮކިއުޓަރަށް ގާޒީ ފުރުސަތު ދެއްވިއެވެ.
އެ ފުރުސަތުގައި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި އޭސީސީން ބަލަމުންދާ އެމްއެމްޕީއާރުސީގެ މައްސަލައާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި އެއްމިލިޔަން ޑޮލަރާބެހޭގޮތުން އޭސީސީން ކުރިއަށް ގެގޮސްފައިވާ ކަންތައްތަކުގެ އިތުރުން، ބައެއް ބޭފުޅުން ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓާ ވަނީ ވަރަށް ދިގުކޮށް ކިތާބީ ހެކި ހުށަހަޅުއްވައިފައެވެ.
ދައުލަތުން ކިތާބީ ހެކިހުށަހެޅުމުން ދިފާއީ ހެކި ހުށަހެޅުއްވުމަށާއި، ދައުލަތުން ހުށަހެޅި ހެތްކާބެހޭގޮތުން ވާހަކަ ދެއްކެވުމަށް އިސްގާޒީ، ރައީސް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވިއެވެ.
ދިފާއުގައި، ރައީސް ހާމީންގެ ވަކީލުން ހުށަހެޅުއްވީ ކިތާބީ ދެ ހެތްކެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްއޭއިން ނެރެފައިވާ ބަޔާނަކާއި ސިވިލްކޯޓުގެ ގަޒިއްޔާ އެކެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ހުށަހެޅުއްވި ހެކި ނަފީ ކުރުމަށް، ގާނޫނުތަކާއި، ދައުލަތުން ހުށަހެޅި ބަޔާންތަކަށް ރިއާޔަތް ކުރައްވައި ރައީސް ޔާމީންގެ ވަކީލުން ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.
އަދި ރައީސް ޔާމީންވެސް ވަނީ އެމަނިކުފާނަށް ކުރާ ދައުވާގައި އަސްލެއްނެތްކަން ބަޔާން ކޮށްދެއްވުމަށް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.