ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
މީގެ ކުރިން އެ ފުރުސަތު ހުޅުވާލާފައި އޮތީ މާދަމާގެ ނިޔަލަށެވެ. އަންނަ މަހުގެ 18 ވަަނަ ދުވަހު މެންދުރު 2:00އިން އިރުއޮއްސި 6:00އާ ހަމައަށް އެމްޑީޕީގެ ހަރުގެތަކާ ޖަގަހަތަކުގައި ބާއްވާ އިންތިހާބުގައި 45 ދާއިރާއަކުން 104 މަގާމެއް ހޮވުމަށް ހަމަޖެހިފައިވެއެވެ.
އޭގެތެރޭގައި، އެކި ދާއިރާތަކުން ހޮވާ ރައީސްގެ ފަސް މަގާމާއި، ނައިބު ރައީސްގެ ހަތް މަގާމާއި، ސެކްރެޓަރީގެ 27 މަގާމާއި، ސެކްރެޓަރީގެ ނައިބުގެ 29 މަގާމާއި، މައުލޫމާތާއި އިޝްތިހާރާއި އާންމު އެންގުންތަކާ ބެހޭ ސެކްރެޓަރީގެ 36 މަގާމު ހިމެނެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިންތިހާބު ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހީމް މަނިކު ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލެވޭނެ މުއްދަތު އިތުރު ކުރީ ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށެވެ.
"މިގޮތުން އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމަށް، ވަރަށް ގިނަ ދާއިރާތަކުން އަޅުގަނޑުމެންނަށް ރިއުކެސްޓް އައީ އަދި އިތުރު ދުވަސް އެބޭފުޅުން ބޭނުންވާނެ ވާހަކަ. އެގޮތުން 30 ވަނަ ދުވަހުގެ ނިޔަލަށް އަޅުގަނޑުމެން ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭނީ 26 ސެޕްޓެމްބަރުގެ ނިޔަލަށް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ޕާޓީގެ ސެކްރެޓޭރިއޭޓުންނާއި ވެބްސައިޓުން ލިބޭނެއެވެ.