ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާއަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދެއްކި ކަމަށް ވިދާޅުވެ ހުށަހެޅުއްވި މައްސަލައިގައި ފުލުހުންނަށް ބަޔާން ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެކޮޅު ހެއްދެވުމުން، މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)އިން އޭނާއަށް ފާޑު ކިޔައިފިއެވެ.
މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވުމަށްފަހު، އެ ފައިސާ ނުދައްކަވާ ކަމަށް ބުނެ އެ މައްސަލަ އޭނާ ވަނީ، ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖާބިރުގެ ބަޔާން ނެގުމަށް ރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން، ބަޔާން ދެއްވަން ޖާބިރު ދެކޮޅު ހެއްދެވީ ރައީސް މައުމޫންގެ ހާޒިރުގައި ނޫނީ އެމައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވުމަށްފަހުއެވެ.
އެކަމާ ގުޅިގެން "ވަން އޮންލައިން"އިން ޝާއިއު ކުރި ހަބަރެއް ރީޓުވީޓް ކުރައްވައި، އެމްއާރްއެމްގެ ތަރުޖަމާނު އަބްދުލް އަލީމް އާދަމްވިދާޅުވީ، ޖާބިރަށް އެހާ ޔަގީންކަން އޮތްއިރު، އެމައްސަލައިގައި ފުލުހުންނަށް ބަޔާން ނުދެއްވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ފުލުހުން ބޭނުންވަންޏާ ރައީސް މައުމޫންގެ ބަޔާންވެސް ނަންގަވާނެ. ސަންސެޓް އުސޫލުން ތި ކަންތައް ކުރައްވަނީ މެމްބަރު!" އަލީމް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި، ކެމްޕޭނަށް ދިން ފައިސާ އޭނާ ހަވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއާއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރެއްވީ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ނަމަވެސް ޖާބިރުގެ އެ ވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ވަނީ ދޮގު ކުރައްވައިފައެވެ.