މީސް މީޑިއާ

ދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ޓެލެކޮމް މިނިސްޓްރީ

ފަތޯނާ ފާއިޒު

މީސްމީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ބައެއް ޕޭޖުތައް ދިވެހިންގެ ތެރެއިން ބައެއްގެ ބައިވެރިވުމާއެކު ހިންގަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެފަދަ ޕޭޖެއްގެ މައްސަލަ ބަލައިދޭން ފުލުހުންވެސް ވަނީ އެދިފައެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، ގިނަ ޕޯސްޓުތަކެއް ކުރަމުންދާ ބައެއް ފޭސްބުކް ޕޭޖުތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި، އެފަދަ ޕޭޖެއް ބްލޮކް ކުރަން ފުލުހުންވެސް އެދިފައިވާ ކަމަށެެވެ. އަލީ ސޯލިހު ވިދާޅުވީ އެމައްސަލަ ޓެލެކޮމިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް)އަށް ހުށަހަޅާފައިވާ ކަމަށާއި، އެފަދަ ޕޭޖުތަކާ ދެކޮޅަށް މީގެ ކުރިންވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"އެހާ ފަސޭހަ ކަމެއް ނޫން އިނގޭތޯ މިއީ. އެނގިވަޑައިގަންނަވާނެ ކުރިންވެސް ބްލޮކް ކުރި ބައެއް ޕޭޖުތައް މިހާރުވެސް އެކްޓިވްކޮށް އެބަފެނޭ" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރަމުންދާ ޕޭޖުތަކާއި ދީނަށް ފުރައްސާރަ ކުރަމުންދާ ޕޭޖުތައްވެސް ބްލޮކް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި އެދެ ފިކުރާމެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަ ކުރަމުންދާ ޕޭޖެއް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ދާދި ފަހުން ބްލޮކް ކުރިއިރު، އެޕޭޖަށް އަދިވެސް ވަދެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުން އަންނާތީ އެކަމާބެހޭ ގޮތުން އަލީ ސޯލިހު ވިދާޅުވީ އެ ޕޭޖު އަދި ބްލޮކް ނުކުރެވޭ ކަމަށާއި، އެމަަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.