ޚަބަރު

ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރަން ނިންމާފައެއްނުވޭ: ސަރުކާރު

މުހައްމަދު އިޝާން

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ސަރުކާރުން ބްލޮކް ކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނު އަސާސީއާ ހިލާފުނުވާ ގޮތެއްގެ މަތިން އެންމެ ފުޅާމިނުގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެވެ.

"ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރުމަށް ސަރުކާރުން ނިންމައިފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވެއެވެ،" ހީނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިއަންނަ މަހުގެ ހަވަނަ ދުވަހު ފަށާ އިރު، އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބަންދުކުރަން ހުށަހަޅާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން ޓިކޮޓޮކް އަދި ސްނެޕްޗެޓް ބްލޮކްކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

އެ ވާހަކަތައް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ވެސް ވަނީ މީގެ ކުރިން ދޮގުކޮށްފައެވެ.