ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި، ހޮޅިން ހަދާފައި ހުރި އިމާރާތް ރޫޅާލުމަށް 24 ގަޑިއިރު، ހުއްޓުމެއް ނެތި ސިފައިިން އަންނަނީ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހ. ތިލަފުށި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ ހޮޅިން ހަދާފައިވާ އިމާރާތް ރޫޅާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ މިލިޓަރީ އިންޖީނިއާ ސިފައިން ކުރަމުން އަންނަ ކަމަށާއި މި މަސައްކަތް ހުއްޓުމެއް ނެތި 24 ގައިޑިއިރު ކުރަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުކުރު ދުވަހުން ފެށިގެން ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން މިހާދިސާއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް އެކުލަވާލާ އިއްޔެ ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގަވައިދު އެކުލަވާލާފައިވަނީ ގަވައިދަށް އަމަލު ނުކުރާ ފަރާތްތަކުގެ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ހިފެހެއްޓޭނެ ގޮތަށެވެ.
ކެމިކަލް ގުދަނެއްގައި ރޯވެގެން ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 46 އަހަރުގެ އަންހެނަކު ނިޔާވެ، ހަ ގެ އަކާއި އެސަރަހައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް ވަނީ އަނދައި ހުލިވެފައެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން 433 މީހުން ހާލުގައި ޖެހުނު އިރު، 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިފައެވެ. އެހާދިސާގައި އަގުމަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެ އާއިލާތަކަށް ވަނީ ލިބިފައެވެ.