މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީން ސޮއި ކޮށްފައިވަނީ ގއ. ވިލިނގިލި، ސ.ހުޅުދޫ އަދި ރ. ދުވާފަރުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހުލޫފު ސޮއި ކުރެއްވި އިރު އެމްޓީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މި ތިން އެއްބަސް ވުމަކީ ވެސް 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އެއްބަސްވުންތަކެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ކޮންމެ ރަށަކަށް ކަނޑައަޅާފައި ވަނީ 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މާލެއަށް ފުޓްބޯޅައިގެ ހުރިހާ ކަމެއް އަމާޒުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އަތޮޅުތެރޭ އެކި ރަށްރަށުގައި ފުޓްބޯޅައަށް އޮންނަ ފޯރި ބޮޑު އިރު، އަތޮޅުތެރޭ ކުރިއަށްދާ މުބާރާތްތަކުން މޮޅެތި ކުޅުންތެރިން ހޮވަން ޖެހޭކަމަށް މަހުލޫފު ވިދާޅުވިއެވެ.

މިމަހު ކުރީކޮޅުވެސް ބައެއް ރަށްރަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. އެގޮތުން ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް މިނިސްޓްރީ އިން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެއީ ލ.ގަން، ގދ.ތިނަދޫ، ތ.ތިމަރަފުށި، ވ.ކެޔޮދޫ، ހއ.ހޯރަފުށި އަދި އައްޑޫ ސިޓީގެ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީއެވެ.