އެމްއެންޑީއެފް

ގެއްލިގެން އުޅުނު މޫރިތި ދޯނި ފެނިއްޖެ: އެމްއެންޑީއެފް

މަރިޔަމް ޝަހުދާ

ގެއްލިގެން ހޯދަމުން ދިޔަ ''މޫރިތި'' ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯނީގެ ހަބަރެއް ވެފައި ވަނީ މިއަދު 11:20 ހާއިރު އެވެ. އަދި އެދޯނިގެ އިންޖީނުގެ މައްސަލައެއް ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާރު އެދޯނި އެހެން ދޯންޏެއްގެ އެހީއާއެކު ލ އަތޮޅަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއްކަމުން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމައްޗަށް އަރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ބޭނުންވާނެ ހުރިހާ ސާމާނެއް ހަމަތޯ ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އެދިފައި ވެއެވެ.