މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭ ހެންވޭރު އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަރިއަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަރި އަޅާލި ބިލްޑިންގް ތަޅާލުމުގެ މަސައްކަތް މިއަދު ހެނދުނު 9:00ގައި ފަށާފައިވާ ކަމަށެވެ.
މި އިމާރާތް ހަދާފައިވަނީ ހޮޅިން ކަމަށާއި އިމާރާތުގައި ބޭނުންކޮށްފައިވަނީ ޓިނު ކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ. އަދި މިއީ ހަތަރު ބުރީގެ އިމާރާތެއް ކަމަށްވެސް މައުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދު ސާފު ކުރުމަށާއި އެ ސަރަހައްދުގައި އިތުރު ނުރައްކާތެރި ހާދިސާއެއް ހިނގުން އެކަށީގެންވާތީ އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މިހާރު އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފާއި ފުލުހުންނެވެ.
މި ސަރަހައްދު ސާފުކުރުމުގެ މަަސައްކަތް އެމްޓިސީސީން ވެސް ކުރަމުން އަންނަ އިރު، ގެއްލުން ލިބުނު އެއް އިމާރާތް މިހާރު ނަގައި ސާފުކޮށްފައިވާ ކަމަށާއި ގެއްލުންލިބިފައިވާ އިތުރު ދެ އިމާރާތް ނަގައި، ކުނި ސާފު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށްވެސް އެމްޓިީސީސީން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނަކަށާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ތާށިވެ، ނުނިކުމެވުނު ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.
އަދި މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.