މިއަހަރުގެ ފުރަތަމަ ހާފުގައި ސަރުކާރަށް ލިބުނު އާމްދަނީ މިިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 329.8 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު ކްއާޓަލީ ބްލެޓިން ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ހާފުގައި ސަރުކާރަށް ލިބުނު އާމްދަނީ ވަނީ 329.9 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ހާފް ނިމުނު އިރު ސަރުކާރަށް ޖުމުލަ 11.1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބު ތަކުން ދައްކައެވެ.
މީގެ ސަބަބުން ދައުލަތުގެ ބަޖެޓުގައި މިއަހަރު ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ 50 އިންސައްތަ މިދިޔަ ޖޫން މަހު ވަނީ ކަށަވަރުވެފައި ކަމަށްވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ސަރުކާރުގެ އާމްދަނީ އިތުރުވީ ޓެކްސް ރެވެނިއު ގެ ގޮތުގައި ސަރުކާރަށް ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.
ސަރުކާރުން ކުރި ހަރަދުތައް މިއަހަރުގެ ފުރަތަމަ ހާފްގައި އެއް ބިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ހާފްގައި ސަރުކާރުން ހަރަދުކޮށްފައިވަނީ ޖުމްލަ 11.8 ބިލިއަން ރުފިޔާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.