އެމްއެންޑީއެފް

ކެމިކަލް ގުދަންތައް ބަލައި ފާސްކުރަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މާލެ ސިޓީގައި ހުރި ކެމިކަލް ރައްކާކޮށްފައި ހުރި 126 ކެމިކަލް ގުދަން ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން މިއަދު ފަށާފައިވާކަމަށެވެ.

ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ސިފައިން ފެށިއިރު، މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ތިލަފުށި ކިޔާ ގެއެއްގައި ހުރި ކެމިކަލު ގުދަނެއްގައި ރޯވެގެންނެވެ.

އެހާދިސާގައި 46 އަހަރުގެ އަންހެނަކު ނިޔާވެ، ހަ ގެ އަކާއި އެސަރަހައްދުގައި ހުރި ހަތަރު ކެމިކަލު ގުދަނެއް ވަނީ އަނދައި ހުލިވެފައެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން 433 މީހުން ހާލުގައި ޖެހުނު އިރު، 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިފައެވެ. އެހާދިސާގައި އަގުމަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެ އާއިލާތަކަށް ވަނީ ލިބިފައެވެ.