ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ: ރޯވިތަނުގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ބަލަން ފަށައިފި

ފަތޯނާ ފާއިޒު

1

ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަރުވެފައި އޮތް އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ އަސަރު ކުރި އިމާރާތްތަކުގައި މީހެއްގެ ހަށިގަނޑެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

"ރަށުތެރޭގައި އެބަ ދެކެވޭ، މީހުން މަދުވާ ވާހަކަޔާ އެކަހަލަ ވާހަކައެއް" ނަވީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރު މީހަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ނަވީން ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް، ބިދޭސީއެއް ގެއްލިގެން އުޅޭ ކަމަށް މީސްމީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.

ނަވީން އިތުރަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާތަނަށް އައިއިރު، ހަ ތަނަކަށް ފޮރެންސިކް ޓީމް ވަދެ މަސައްކަތް ނިންމާފައިވަނީ. އެހަތަނުގެ ތެރޭގައި ހ. ރަދުވާނިޔާގެ ތިންވަނަ ފްލޯއަށްވެސް ވަދެ، މިއަދު ހެނދުނު އެތަން ބަލައި ފާސްކޮށް، ހާދިސާ ހިނގި ތަންވެސް ބަލައި، އެ ފްލޯ އެއްކޮށް ނިމިފައިވަނީ." ނަވީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގުގައި ދެތަނެއް ބަލަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި އެންމެ އިސްކަމެއް ދީގެން ބަލަނީ އަލިފާން އެންމެ ފުރަތަމަ ރޯވި ގުދަން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟