ކުއްލި ޚަބަރު

އަލިފާނުގެ ސަބަބުން އަސަރު ކުރި ސިވިލް ސާވަންޓުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފި

މިދިޔަ ހުކުރު ދުވަހު ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އަސަރު ކުރި ސިވިލް ސާވަންޓުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެކަން އެ ކޮމިޝަނުން މިއަދު އާންމު ކޮށްފައިވަނީ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ބަޔާނުގައި ކޮމިޝަނުން ބުނެފައިވަނީ އަލިފާނުގެ މި ނުރައްކާތެރި ހާދިސާގައި އެކި ގޮތްގޮތުން އަސަރު ކުރި، ސިވިލް ސާވިސްގެ ހިދުމަތަށް އުޒުރުވެރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް އެ ކޮމިޝަނުން 30 ދުވަހުގެ ޗުއްޓީ ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މިހާދިސާގައި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ސިވިލް ސާވިސްގެ މުވައްޒަފުން، އެ މުވައްޒަފަކު މަސައްކަތް ކުރާ އިދާރާއަކަށް ހާޒިރު ވުމުން ޗުއްޓީގެ ކަންތައް އެއިދަރާއަކުން ހަމަޖައްސާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މިހާރު އެ ކޮމިޝަނުން ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަށް އެފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާގެ އާއިލާއަށާއި މި ހާދިސާގައި އަސަރުކޮށް ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް ކޮމިޝަނާއި ސިވިލް ސާވަންޓުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.

ހުކުރު ދުވަހު ހިނގި ހާދިސާގައި ރޯވި ހ.ތިލަފުށި ގޭގެ އިތުރުން އިތުރު ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައިވެއެވެ.