ދުމުގެ އަސަރު ކުރުމުގެ ސަބަބުން މަޖީދިއްޔާ ސްކޫލްގެ ކިޔެވުން ބަންދުކޮށްފި އެވެ.
އެޑިއުކޭޝަނުން ވަނީ މަޖީދިއްޔާ ސްކޫލްގެ ކިޔެވުން މިއަދު ބަންދުކުރިކަން މިނިސްޓްރީ އިން ކުރި ޓުވީޓަކުން އަންގާފައެވެ.
މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ ކިޔެވުން މިއަދު ފެށިފަހުން ބައެއް ދަރިވަރުން އުނދަގޫވެގެން އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ސްކޫލް ބަންދު ކުރީ ދަރިވަރުންނަށް ދުމުގެ ސަބަބުން އުނދަގޫ ވުމުން ކަމަށް މިނިސްޓްރީންބުނެއެވެ.
ނަމަވެސް އިއްޔެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އެޗްޕީއޭ އަދި ޑިޒާސްޓާއިން މަޖީދިއްޔާ ސަރަހައްދު މޮނިޓާ ކުރުމަށްފަހު ސްކޫލް ހުޅުވުމަށް ލަފާ ދީފައިވާ ކަމަށް ބުނެފައެވެ. އަދި މިކަން އިއްޔެ ''ވަން އޮންލައިން'' އިން މިނިސްޓްރީއަށް ގުޅުމުން މިނިސްޓްރީން ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ.
މި ހާދިސާގެ ސަބަބުން މަޖީދިއްޔާ ސްކޫލް ބަންދު ކުރި ނަމަވެސް އެ ސަރަަހައްދުގައި ހުންނަ ދަރުމަވަންތަ ސްކޫލް ބަންދެއް ނުކުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ''ވަން އޮންލައިން''އަށް މައުލޫމާތު ދެމުން ބުނީ ދަރުމަވަންތަ ސްކޫލް ބަންދުކުރާ ނަމަ މީޑިއާތަކަށް އަންގާނެ ކަމަށެވެ.
ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގޭގެ އިތުރުން އިތުރު ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މިހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.