ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަލިފާން ނިއްވުމަށް ކަމާބެހޭ ކަމާބެހޭ ފަރާތްތަކުން މުހިންމު ފިޔަވަޅުތައް އެޅިލެއް ލަސް ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަލިފާން ނިއްވާނެ އެންމެ ރަނގަޅު ވަސީލަތްތަކެއް ރާއްޖޭގައި ނެތްއިރު، އެކަން ކުރުމަށްޓަކައި ހުޅުލޭގައި އޮތް ފަޔަރ ލޮރީ ގެންނަން ގިނަ ވަގުތުތަކެއް ނެގި ކަމަށެވެ. އެގޮތުން އެ ފަޔަރ ލޮރީ ގެންނަން ކަމާބެހޭ ފަރާތްތަކުން ނިންމީ ގިނަ ވަގުތުތަކެއް ފާއިތުވެގެން ދިޔަ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެމިކަލް ފަދަ އެއްޗެހީގެ ސަބަބުން ރޯވާ އަލިފާން ނިއްވުމަށް ފޯމް ބޭނުންކުރެވޭ ފަޔަރ ސިސްޓަމް ގެނައުމުގެ ކަންތަކުގައިވެސް ވަރަށް ގިނަ ވަގުތު ނަގައިގެން އެބޭފުޅުންނަށް އެ ޑިސިޝަންއަށް ދެވުނީ." މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހުޅުލެއިން ފަޔަރ ލޮރީ ގެންނަން ނިންމި ހިސާބުން، 10 ވަރަކަށް މިނެޓް ތެރޭގައި އެ ލޮރީ ގެނެވުނު ކަަަމަށެވެ. އެހެންކަމުން އަލިފާނުގެ ހާދިސާ ހިނގައިގެން ބޮޑެތި ގެއްލުންތަކެއް ނުލިބެނީސް، ފޯމް ބޭނުން ކުރަން ނިންމެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ގޮތް ވަރަށް ރަނގަޅަށް ބަލައި ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ.
"މިއީ މިފަދަ އެންމެ ހިތާމަވެރި ހާދިސާ. މިކަން ތަކުރާރު ވިޔަ ދީގެން ނުވާނެ" މުއިއްޒު ވިދާޅުވިއެވެ.