އިބްރާހިމް ޒަކީ
ސަރުކާރަށް އެއްއަހަރު ފުރޭއިރު ނަތީޖާ ނުނެރެވޭ ބޭފުޅުން މިނިސްޓްރީތަކުން ވަކިކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު ވިދާޅުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، ސަރުކާރަށް އަހަރު ދުވަސް ވާއިރު މިނިސްޓްރީ ތަކުގައި ތިއްބެވި ނަތީޖާ ނުނެރެވޭ ބޭފުޅުން ވަކިކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އޭނާ ކައިރީގައި ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައޮތީ އެއްއަހަރު ދުވަސް ބައްލަވާނަމޭ. އެއް އަހަރު ދުވަސްކޮށްފަ ނަތީޖާ ނުނެރެވޭ ހުރިހާ އެންމެން ސަރުކާރުގެ މިނިސްޓްރީ ތަކުގައި ތިބި ހުރިހާ ބޭފުޅުން ވަކިވާނެޔޭ. އެއީ އަޅުގަނޑާއި އިބޫއާ އޮތް ގާތް ގުޅުމެއްގެ ސަބަބުން އޮތް ސިއްރެއް، މި ސިއްރު ހާމަކުރަން ޖެހިގެން މިހާމަކުރީ،" ބޮންޑާ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓްނަރުކަމުގައި ހުންނަވައި، ގާސިމް މަސައްކަތް ކުރައްވަނީ ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލުވާލަން ކަމަށެވެ.
ބޮންޑާ ވިދާޅުވީ، ފުރަތަމަ ވިސްނަންވީ ސަރުކާރު ކޯލިޝަންގައި ޕާޓްނަރުންގެ ގޮތުގައި މިހާރުތިބި މީހުންގެ އެއްބާރުލުމުގެ މިންގަނޑަކީ ކޮބައިތޯ، އަދި އެއްބާރުލުން ދޭތޯ، ބަލަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަރުކާރުން ހަވާލު ކުރެއްވީ، ކަރަންޓް ބިލުގެ އަގު ހެޔޮކުރައްވަން ކަމަށާއި، ގާސިމަށް އެކަން ކުރެއްވިފައި ނުވާތީ، ރައީސް ވިދާޅުވިގޮތަށް ދެން ގާސިމަށް އިތުރު ފުރުސަތު ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.