ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީގެ ޝަރަފުގައި ފާއިތުވި ހަތަރު އަހަރުއްސުރެ ބާއްވަމުން އަންނަ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ފަސް ވަނަ އެޑިޝަން ސަޓާ 2020 އަންނަ އަހަރު ރާއްޖޭގައި ބާއްވަން އިއުލާނުކޮށްފިއެވެ.
އެކަން އިއުލާން ކުރެއްވީ ސްރީލަންކާގެ އަމާރީ ގޯލްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސަޓާ 2019ގެ ގާލާ އަދި އެވޯޑްސް ހަފުލާގައި ވާހަކަ ދައްކަމުން ސަޓާގެ ފައުންޑާ އަދި ރައީސް އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ) އެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފުލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާ އިރު، މިދިޔަ އަހަރު މި ހަފުލާ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ.
އިއްސެ ވަނީ އަހަރަކަށްވުރެ އަހަރަކު ސަޓާއަށް ލިބެމުން އަންނަ ކާމިޔާބީ އާއި ތަރުހީބު ފާހަގަކޮށްފައެވެ. މިއަހަރުގެ ސަޓާއަށް، ހަ ގައުމަކުން 500 ނޮމިނޭޝަން ހުށަހަޅާފައިވާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 18 އިންޑަސްޓްރީ، އޯގަނައިޒޭޝަނާއި ޓުއަރިޒަމް ބޯޑު ތަކުން ވަނީ މިހަފުލާ އެންޑޯޒް ކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި ދޭ އެންމެ ބޮޑު އެއް އެވޯޑުކަން ފާހަގަކުރައްވަމުން އިއްސެ ވަނީ އެވޯޑު އިންތިޒާމު ކުރުމަށް އެހީތެރިވެދީފައިވާ ހުރިހާ ފަރާތްތަކާއި، ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ފާއިތުވި ކޮންމެ އަހަރަކުވެސް ސަޓާގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. މި އަހަރުވެސް އެންމެ ގިނަ އެވޯޑު ލިބުނީ ރާއްޖެއަށެވެ. މިއަހަރު ވިޒިޓާސް ޗޮއިސްގެ ހަތަރު އެވޯޑާއެކު ރާއްޖެއަށް ވަނީ އެކި ކެޓަގަރީތަކުން 32 އެވޯޑެއް ލިބިފަ އެވެ.
މިއަހަރު ސަޓާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.