ހުކުރުދުވަހުގެ ރޭ ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މާލެއަށް ކުރަމުން މިދާ ވިއްސާރައިން އެސިޑްގެ އަސަރު ފެނިފައި ނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން އެރި ވިހަ ދުމުގެ ސަބަބުން އެއަށް ފަހު ވެހޭ ވާރޭގައި އެސިޑުގެ އަސަރު ހުރެދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެފަދަ މެސެޖެއް މީސްމީޑިއާގައިވެސް ވަނީ ދައުރުވެފައެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން މިއަދު ބުނީ ކުރަމުން މިދާ ވިއްސާރާއިގެ ފެނުގައި އެސިޑު ހުރެދާނެކަމަށް އާންމުންގެ ކަންބޮޑުވުން ހުރުމާ ގުޅިގެން އިއްޔެ ވެހުނު ވާރޭފެން ކަލެކްޓްކޮށް ޓެސްޓުކޮށްފައިވާ ކަމަށާއި، ފެނުން އެސިޑުގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އަދިވެސް ދުން އަރަމުންދާ ކަމަށާއި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފާނެ ކަމަށް 24 ގަޑިއިރު، ފަޔާ ޓީމުން ފަޔާ ވެހިކަލްއާއެކު އަންނަނީ އަލިފާން ހިނގި ސައިޓް މޮނީޓާ ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.