ކުއްލި ޚަބަރު

ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކައި އަނިޔާކުރުމަށްފަހު ފޭރިގެންފި

އައްޑޫ ސިޓީގެ ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިރޭ 9:30 އެހާކަންހާއިރު ލިބުނު އެ ރިޕޯޓްގައި އަނިޔާ ލިބިފައިވަނީ އުމުރުން 69 އަހަރުގެ އަންހެނަކަށް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަަރުވާ ދެމުންދާ ކަމަށެވެ.

އުމުރުން ދުވަސްވީ އެ މީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާއިރު، މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އޭނާގެ އަތުން ފޭރިގެންފައިވަނީ ފައިސާތަކަކާއި ފޯނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ.