ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށާއި، އެހެންނަމަވެސް، މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާތީ ހިތާމަ ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ ރޭ މ.މުލަކުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ވަޒީފާ އިން ވަކިކުރީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އެކަނި ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރިއިރު، ކުންފުނިތަކާއި ސިވިލް ސާވަންޓުންގެ ފިކުރަކަށް އެމަނިކުފާނުގެ ވެރިކަމުގައި ނުބައްލަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ގޮނޑިވެސް ގެއްލުވައި ނުލައްވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވާ މީހުންނަށް ދިވެހިން ކިޔައި އުޅޭ ނަމެއްވެސް އޮންނަ ކަމަށް، ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މާރިޔާ ވިދާޅުވިއެެވެ.