ސިޔާސީ

ސަރުކާރުން ކުރާހާވެސް ކަމަކީ، ތާއީދު ކުރާ މީހުންނަށް މުސާރަ ދިނުން: ރައީސް ޔާމީން

ފަތޯނާ ފާއިޒު

މި ސަރުކާރުން ކުރާހާވެސް ކަމަކީ، ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކި ވަޒީފާތައް ދީގެން، އެފަރާތްތަކަށް މުސާރަ ދިނުން ކަމަށް ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއެކު މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެެރެއިން އެއަތޮޅު ނާލާފުއްޓަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު ހުސްކޮށް، ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރިއިރު، އެ ބަޖެޓުން ކުރާހާވެސް ކަމަކީ، ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކި ވަޒީފާތައް ދީ، އެފަރާތްތަކަށް މުސާރަ ދިނުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފަހުން ފާސްކުރި 1.7 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކުރަމުން ދަނީ ސަރުކާރުން އުފައްދާފައިވާ އެކި އެކި ކޮމިޝަންތަކާއި އެހެންވެސް އިސް މަގާމުތަކުގައި ތިއްބެވި މީހުންނަށް މުސާރަ ދިނުމަށް ކަމަށެވެ.

" އެހެންވީމަ، މި ސަރުކާރަކީ، މި ސަރުކާރުން ވަޒީފާތަކަށް ނަގާފައިތިބި، އެމީހުންގެ ފިކުރުގައި ތިބި މީހުންނަށް މުސާރަ ދޭ ސަރުކާރެއް. ރައްޔިތުން ކަންކަން ބޭނުންވުން އެމީހުންނަކަށް(ސަރުކާރަށް) މުހިންމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

އަންނަ ނޮވެމްބަރުމަހުގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިއުލާން ކުރައްވާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، ސަރުކާރަށް މިވީ 10 މަސްދުވަހުގެ ތެރޭގައި ކަމެއް ނުކޮށްދެވުނުއިރު، އަހަރުގައި ބާކީ އޮތް ތިންމަސްދުވަހު ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނުމުން ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ.