ސަޓާ

ސަޓާ 2019: ގާލާ އަދި އެވޯޑްސް މިރޭ ސްރީލަންކާގެ އަމަރީ ގޯލްގައި

ސްރީލަންކާގެ އަމާރީ ގޯލްއިން މިންހާ ފާއިޒު (މިންނު)

މިރެޔަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް އުފާވެރި ރެއެކެވެ. އަދި މިރެއަކީ ގިނަ ބަޔަކު ކޮންމެ އަހަރަކުވެސް އެއަށް އިންތިޒާރު ކުރަމުންދާ ހަފްލާ އޮންނާނެ ރެއެވެ.

މިރޭ ސަޓާގެ އެންމެ ބޮޑު އިވެންޓް، ގާލާ އެންޑް އެވޯޑްސް ސްރީލަންކާގެ އަމަރީ ގޯލްގައި ކުރިއަށް ދާނެއެވެ.

އިއްޔެ ހަވީރުން ފެށިގެން ދެދުވަހުގެ ނިޔަލަށް ކުރިއަށްދާ ސަޓާގެ އިވެންޓް ތަކުގައި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަކުން އެއާލައިން ތަކާ، ހޮޓާ ތަކާއި ރިސޯޓް ތަކާއި އަދި އެނޫންވެސް ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ބައިވެރިވުމަށް އަމަރީ ގޯލްއަށް ވަނީ އައިސްފައެވެ.

އިއްޔެ ސަޓާގެ އިވެންޓްތައް ފެށީ "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" އިވެންޓާއެކުއެވެ. އެ އިވެންޓްގައި ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ދިމާވާ އެކިކަހަލަ މައްސަލަ ތަކާއި ފުރުސަތުގެ ތަކުގެ މައްޗަށް އަލިއަޅުވާލާ ދެ ޕެނަލެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހެނދުނުން ފެށިގެން އަމާރީ ގާލްގައި ލަންކާގެ އުފެއްދުންތެރިކަން ދައްކާލުމަށް، އާޓް އެންޑް ކްރާފްޓްސްގެ ހަރަކާތްތަކެއްވެސް ކުރިއަށް އެބަދެއެވެ.

މިއަހަރުގެ ސަޓާއަށް، ހަ ގައުމަކުން 500 ނޮމިނޭޝަން ހުށަހަޅާފައިވެއެވެ.

މި އެވޯޑަށް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 18 އިންޑަސްޓްރީ، އޯގަނައިޒޭޝަނާއި ޓުއަރިޒަމް ބޯޑު ތަކުން ވަނީ އެންޑޯޒް ކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި ދޭ އެންމެ ބޮޑު އެއް އެވޯޑެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފުލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާ އިރު، މިދިޔަ އަހަރު މި ހަފުލާ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ.

މިއަހަރު ސަޓާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.