ސަޓާ

އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން އިވެންޓް އާއެކު ސަޓާގެ ހަތަރުވަނަ އެޑިޝަން ފަށައިފި

މިންހާ ފާއިޒް ރަޝާދު

ސްރީލަންކާގެ އަމަރީ ގޯލްއިން: މިންހާ ފާއިޒު (މިންނު)

ސައުތު އޭޝިއަން ޓްރަވެލް އެވޯޑްސް (ސަޓާ)ގެ ހަތަރުވަނަ އެެޑިޝަން، "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" އިވެންޓާއެކު އިއްޔެ ފެށިއްޖެއެވެ.

ސްރީލަންކާގެ އަމަރީ ގޯލް ހޮޓެލްގައި ބޭއްވި މި ހަފްލާގައި ޓްރެވަލް ޓުއަރިޒަމް ދާއިރާގެ އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

މިއަހަރުގެ ސަޓާއަށް، ހަ ގައުމަކުން 500 ނޮމިނޭޝަން ހުށަހަޅާފައިވެއެވެ.

މި އެވޯޑަށް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 18 އިންޑަސްޓްރީ، އޯގަނައިޒޭޝަނާއި ޓުއަރިޒަމް ބޯޑު ތަކުން ވަނީ އެންޑޯޒް ކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި ދޭ އެންމެ ބޮޑު އެއް އެވޯޑެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފުލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާ އިރު، މިދިޔަ އަހަރު މި ހަފުލާ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ.

މިއަހަރުގެ ސަޓާގެ "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" އިވެންޓްގައި ދެ ޕެނަލެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދެ ޕެނަލުގައި ވަނީ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީގައި ދިމާވާ އެކިކަހަލަ މައްސަލަތަކާއި ފުރުސަތުތަކުގެ މައްޗަށް ވާހަކަދައްކައިފައެވެ.

ސަޓާ އެވޯޑްސް އޮންނާނީ މިރޭ ސްރީލަންކާގެ އަމަރީ ގޯލްގައެވެ.

ސަޓާ އެވޯޑްސް 2019ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.