ބަންގްލަދޭޝްގައި މަރުވި ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ރިޕޯޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައުދާގެ މައްސަލައިގެ ރިޕޯޓުވެސް ހާމަކުރުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"ރައުދާ އާތިފުގެ މައްސަލަވެސް ބަލާ ނިމި، ރިޕޯޓު ހާމަ ކުރާ ހިސާބަށް ގޮސްފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެކޮޓަރީގައި ހުރި ފަންކާއެއްގައި ޝޯލެއް ބޭނުންކޮށްގެން ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލަ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުންވެސް ތަހުގީގު ކުރިއެވެ.
ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް، އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އޭނާގެ ބައްޕަ މުހައްމަދު އާތިފު އެދުނެވެ.
ރައުދާގެ ބައްޕަގެ އެދުމަށް ކޯޓް އަމުރެއްގެ ދަށުން އޭނާގެ މަރުގެ ތަހުގީގް އަލުން ފަށައި، ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސީއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.
ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް ބަންގްލަދޭޝް ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހާމަކުރިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ރައުދާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރައުދާ އެކަން ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.