މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލުމުން ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލަން ނިންމި މައްސަލައިގައި ބަށިބޯޅަ އެސޯސިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަށިބޯޅަ އިދާރާ ރަޖިސްޓްރީ ކޮށްފައިވަނީ 29 މާރޗް 2016 ގައި ބޭއްވި ކުޅިވަރުގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ބަށިބޯޅަ ކުޅިވަރަށް ''ގައުމީ ސަގާފީ'' ހައިސިއްޔަތު ދިނުމަށްފަހު އެއީ ގައުމީ ކުޅިވަރެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ނަމަވެސް ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލައި، ސަގާފީ ކުޅިވަރެއްގެ ގޮތުގައި ސަރުކާރުން ނިންމުމާ ގުޅިގެން ބަށިބޯޅަ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް މިއަދު ވަނީ ރައީސް ސޯލިހަށް އެރުވުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފައެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން ބަށިބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ނަހުލާ އަލީ ވިދާޅުވީ ބަށިބޯޅަ ކުޅިވަރު ގައުމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނިކޮށް، އެއީ ސަގާފީ ކުޅިވަރެއްގެ ގޮތަށް ބަދަލުކޮށް ގައުމީ ހައިސިއްޔަތު ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އަންހެނުން ފޯރިއާއެކު ކުޅޭ ކުޅިވަރަކަށް ވެފައި، ގިނަ އަންހެނުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެން އެވަރުގެ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

އެހެންކަމުން މިއަދުން ފެށިގެން ޕެޓިޝަނުގައި ރާއްޖޭގެ ހުރިހާ ބަށި ޓީމުތަކާއި ކުލަބު، ޖަމިއްޔާތަކުގެ އިތުރުން ރަށު ފެންވަރުގައި ހަރަކާތްތެރިވާ ބަށި ޓީމުތަކުން ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. މި ޕެޓިޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިނިސްޓަރު މަހުލޫފާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމުން ވެސް އެޕޮއިންޓްމެންޓެއް ހަމަޖައްސައި ނުދެއްވުމުންނެވެ.

މިމަހުގެ ދެވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމް ސޮއިކުރައްވައި އެ މިނިސްޓްރީން، ބަށިބޯޅަ އެސޯސިއޭޝަނުގެ ޗެއާޕާސަން އާއިމިނަތު ލީލާއަށް ފޮނުވި ސިޓީގައި ވަނީ ބަށިބޯޅައަކީ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދަކުރެވޭ ކުޅިވަރެއް ކަމުގައި ނުވުމާއި ޒަމާނުއްސުރެ ސަގާފީ ކުޅިވަރެއްގެ ގޮތުގައި ހަމައެކަނި ބައެއް މުނާސަބަތުތަކާ ގުޅިގެން ކުޅޭ ކުޅިވަރެއް ކަމުގައި ފާހަގަވުމާއި ޕްރޮފެޝަނަލް އެތުލީޓުން ބިނާކޮށް ތަރައްގީ ކުރެވޭނެ ކުޅިވަރަކަށް ނުވާތީ މިދިޔަ މަހުގެ 29 ގައި ބޭއްވި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ބަށިބޯޅަ ފަދަ ސަގާފީ ކުޅިވަރުތައް ހިންގާ ޖަމިއްޔާތަކަށް ކުޅިވަރުގެ ގައުމީ ހައިސިއްޔަތު ދެމުން އައި އުސޫލު ބަދަލުކޮށް، ކުރިއަށް އޮތްތަނުގައި ސަގާފީ ކުޅިވަރުތައް ހިންގާ އެސޯސިއޭޝަންތަކަށް ގައުމީ ހައިސއްޔަތު ނުދޭގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި މިމަހުގެ 11 ގެ ކުރިން ބަށިބޯޅަ އެސޯސިއޭޝަނާ ހަވާލުކޮށްފައިވާ އޮފީސް ބައި ހުސްކޮށް ޔޫތު މިނިސްޓްރީއާ ތަން ހަވާލުކުރުމަށްވެސް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން އިއްޔެ ވެސް ޔޫތު މިނިސްޓްރީން ވަނީ ބަށިބޯޅަ އެސޯސިއޭޝަންގެ އޮފީސް ހިންގަމުންދާ ބައިގެ ތަޅުދަނޑި، މާދަމާގެ ކުރިން މިނިސްޓްރީއާ ހަވާލުކުރުމަށް އަންގައި ސިޓީއެއްވެސް ފޮނުވައިފައެވެ.

ބަށިބޯޅަ އެސޯސިއޭޝަނުގެ އޮފީސް ހިންގަމުންދަނީ ހެންވޭރު ބޯޅަގޭގައެވެ.