މި ސަރުކާރުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން އުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، 25 ފަންގިފިލައަށް އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން "އައިޖީއެމްއެޗު ނިއު ކޮމްޕްލެކްސް"އަށް ބަދަލު ކުރަން ސަރުކާރުން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާތީ، އެކަން ސާފު ކުރުމަށް "ވަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް." ހޫދު ވިދާޅުވިއެވެ.
ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ މައިގަނޑު ގިނަ މަސައްކަތްތައް ނިމި، އެ ހޮސްޕިޓަލުގެ ބޭނުން ކުރަން ފަށާފައިވާއިރު، ރަސްމީކޮށް އެތަން ނުހުޅުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ސަރުކާރުން އެ ހޮސްޕިޓަލު ނުހުޅުވަނީ އެތަން ފުރިހަމަ ކަމުން، ހުޅުވަން ނުކެރިގެން ކަމަށް އިދިކޮޅުން މީގެ ކުރިން ބުނެފައިވެއެވެ.
އެވާހަކައާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު "ވަން"އަށް ވިދާޅުވީ، 25 ފަންގިފިލައަށް އެހޮސްޕިޓަލު ހެދިޔަސް އެތަނުގައި ގިނަ ކަންކަން ހުރީ ރަނގަޅަށް ނޫން ކަަމަށާއި، އެހެންކަމުން އެ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.