ސަރުކާރުން އުޅެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ސަރުކާރުން އުޅެނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން "އައިޖީއެމްއެޗް ނިއު ކޮމްޕްލެކްސް"އަށް ބަދަލު ކުރަން ކަމަށެވެ.
"އަޅުގަނޑުމެން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަޅުގަނޑުމެން ސަރުކާރަށް ގޮވާލަން، ތިބޭފުޅުން މިކަހަލަ ކަންކަން ނުކުރެއްވުމަށް. އެއީ ވަރަށް ހިތާމަ ކުރާ ކަމެއް. އަޅުގަނޑުމެން ކޮށްފައި ހުންނަ ބޮޑެތި މަސައްކަތްތައް ސުން ސިކުންތު ތެރޭގައި، ޕީޕީއެމްއިން ކުރި ކަމަކަށް ވާތީ، ތަނަށް ކީ ނަންވެސް ބަދަލުކޮށް، މާމޮޅު ނަމެއް ކިޔަންވެގެން." ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ކިޔާފައިވާ ނަމެއް ބަދަލު ކުރުމަށްވުރެ ބޮޑަށް ރަނގަޅުވާނީ މި ސަރުކާރުން އެފަދަ ތަނެއް އަޅައި، ރީތި ނަމެއް ކިޔުން ކަމަށެވެ. އަދި ސަރުކާރު މިހާރު އޮތީ "ޕެރެލައިޒް"ވެފައި ކަަމަށްވެސް ޝުޖާއު ވިދާޅުވެފައެވެ.