ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެގެން އުޅުނު ދެ ބިދޭސީން ރާއްޖެއިން ޑީޕޯޓް ކޮށްލީ އިކޮނޮމިކް މިނިސްޓްރީއަށް ވެސް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ މިއަދު އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުންނެވެ.
ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކުގައި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް އެކަންކަން އެނގިފައި ނޯންނަ ކަމަށެވެ. މީގެ މިސާލަކަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ދެ ބިދޭސީއަކު ދާދި ފަހުން ޑީޕޯޓު ކުރި މައްސަލަ މިނިސްޓަރ ނެންގެވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ކުރީ އިކޮނޮމިކް މިނިސްޓަރީއަށް ނޭނގި ކަމަށެވެ. އަދި އެ ދެ ބިދޭސީން ޑީޕޯޓު ކުރުމުގެ ކުރިން އެކަން މިނިސްޓްރީއަށް އެންގި ނަމަ މިނިސްޓްރީއަށް އެމައްސަލައިގައި ބެލޭނެ އެކި ކަންކަން ހުރި ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓްރީ އަށް އެނގިގެން އެކަން ހިނގި ނަމަ މައްސަލައާ ގުޅުން ހުރި ނުވަތަ ގުޅިފައިވާ ފަރާތްތައް ހޯދުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެފަދަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ޓާސްކް ފޯސް އާއެކު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މި ޓާސްކް ފޯސް އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ނިންމާފައިވާ އިސްލާހު ތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. އަދި މި ޓާސްކް ފޯސްއަކީ މިނިސްޓަރު ފައްޔާޒް ޗެއާ ކުރައްވާ ޓާސްކް ފޯސް އެއްކަމަށް ވެސް ވިދާޅުވިއެވެ.
އިކޮނޮމިސް މިނިސްޓަރުގެ އިތުރަށް މި ޓާސްކް ފޯސްގައި ހިމެނެނީ،
މި ޓާސްކް ފޯސް މަސައްކަތް ކުރާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން، ވަކި ގޮތަކަށް ރާވައިގެން އެންމެން އެކީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ޓާސްކް ފޯސް އިން ނިންމާ ކޮންމެ ނިންމުމަކީ ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަކަށް ވާނަމަ މަސައްކަތް ކުރިއަށް ދާނީ އެކަމަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް އާއި ބައިލެޓްރަލް ގުޅުންތަކަށް ބަލައިގެން ޓާސްކް ފޯސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ތިރީހަކަށް އަހަރު ވެފައިވާ މައްސަލައެއްކަމަށެވެ. އަދި މިކަން އެއްފަހަރުން ހައްލު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް މިއަހަރުގެ އޭޕްރީލްމަހު މިމަސައްކަތް އައުމާއެކު މިނިސްޓްރީ މިހާރު އަންނަނީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވއިެވެ.