ބަނގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރަށް މަނާކޮށްފިއެވެ.
މިކަން އިއުލާނުކުރެއްވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފަށާ މަސައްކަތާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި، މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޮންމެ ގައުމަކުންވެސް ލޭބަރުން ގެނައުމަށް ވަކި ލިމިޓެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށާއި އެ ލިމިޓު ކަނޑައަޅަނީ އަންސްކިލްޑް ލޭބާރސް އަށް ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ އަންސްކިލްޑް ލޭބާރސްގެ މައްސަލަ ކަން ފާހަގަކުރައްވައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިހާރު ކޮންމެ ގައުމަކަށްވެސް އަންސްކިލްޑް ދާއިރާއަށް ގެނެވޭނީ އެއްލައްކަ ފަންސާސްހާސް ލޭބަރުން ކަމުގައެވެ. ނަމަވެސް ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނައުން މަނައެއް ނުވާނެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބަނގުލަދޭޝް ލޭބަރުންނާ އެއްކޮން އެއްލައްކަ ފަންސާސްހާސް ލޭބަރުންގެ ކޯޓާ ހަމަވެފައި އޮތުމުން އިތުރަށް ބަނގުލަދޭޝުން ލޭބަރުން ގެނެވެން ނެތް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގެ ނިންމުމަކީ އެއް އަހަރު ދުވަސްވަންދެން އަންސްކިލްޑް ލޭބަރުންގެ ދާއިރާއަށް ބަނގުލަދޭޝުން އިތުރަށް މީހުން ނުގެނެވޭނެގޮތް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ގޮތަށް އަމަލުކުރަން ފެށީ މިއަދުން ފެށިގެން ކަމަށް ވާތީ މިއަދާ ހަމައަށް ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް ހަމަސް ދުވަހުގެ ތެރޭގައި މިކަމުން އިގްތިސާދަށް އަންނަ ބަދަލުތައް ބަލައި އިގްތިސާދަށް ގޮންޖެހުން އަންނަ ނަމަ މި ނިންމުން އަލުން ރިވިއު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.