އެންޓި ކޮރަޕްޝަން ކޮމިޝަން

އެންސީއައިޓީގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ދިރާސާ ކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހާއްސަ އޮޑިޓް ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާކުރަން ފަށައިފިއެވެ.

އޭސީސީން ދިރާސާ ކުރަމުންދަނީ މައިކްރޯސޮފްޓްގެ ސޮފްޓްވެއާ ލައިސެންސާއި އާއި ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާ ގަތުމަށް އެންސީއައިޓީން ހިންގި މުއާމަލާތްތަކެއްގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށްފަހު ނެރުނު ރިޕޯޓެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އެންސީއައިޓީގެ އޮޑިޓެއް ކުރީ، މި ސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަކަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު މިރޭ "ވަން" އަށް ވިދާޅުވީ، އެންސީއައިޓީގެ އޮޑިޓް ރިޕޯޓް ނެރުމާއެކު އެ ރިޕޯޓްގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން އިވެލުއޭޝަން ކޮމެޓީން ދިރާސާ ކުރަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ދިރާސާއަށްފަހު، މައްސަލަ ތަހުގީގު ކުރުމާމެދު ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އެންސީއައިޓީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، 4.4 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ބިޑް ޑޮކިއުމެންޓުތައް ތައްޔާރުކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޓެންޑާ ބޯޑަށް ހުށަހެޅުމުގެ ކުރިން މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު އެންސީއައިޓީން ވަނީ މަޝްވަރާ ކޮށްފައެވެ.

އަދި އެކަމުން ބީލަމަށް ލުމުގެ ކުރިން ވެސް ވަކި ކުންފުންޏަކާ ހަވާލުކުރުމުގެ ނިޔަތުގައި ކަންކަން ކުރިއަށް ގެންގޮސްފައިވާކަން އެނގެން އެބައޮތް ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓްގައި މާލިއްޔަތު ގަވައިދާ ހިލާފަށް ބައެއް ކަަންކަން ކުރެއްވި ކަމަށް ތުހުމަތު ކޮށްފައިވަނީ އޭރު އެންސީއައިޓީގެ ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރަށެވެ. ރިޕޯޓުގައި ނަން ހިމަނާފައި ނުވިނަމަވެސް އޭރު އެ މަގާމުގައި ހުންނެވީ މުހައްމަދު އަޝްމަލީއެވެ.

އެގޮތުން އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޔޫޕީއެސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތުގައި އެންސީއައިޓީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިނުކޮށް، އެ މަސައްކަތްކުރީ އަޝްމަލީ އަމިއްލައަށެވެ.

އަދި އެ ތަކެތި ގަތުމަށް ބޭއްވި ބައްދަލުވުންތަކުގައި ވެސް ކަމާގުޅޭ އެއްވެސް މުވައްޒަފަކު ބައިވެރިނުކޮށް، ބައްދަލުކޮށްފައިވަނީ އަޝްމަލީ ކަމަށާއި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އަގު ހޯދި ދެ ފަރާތާ މުއާމަލާތްކޮށް، މަސައްކަތް އެވޯޑު ކުރި ކުންފުނިން ފޮނުވާފައިވާ ޕްރޮޕޯސަލް ވެސް ފޮނުވާފައި ވަނީ އޭނާގެ އީމެއިލް އަށް ކަންވެސް އެނގެން އޮވެއެވެ.

އޭގެ އިތުރުން، އެޑްވާންސް ފައިސާގެ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ ޖުމްލަ އަގު ކަމަށްވާ ތިން މިލިއަން ރުފިޔާގެ 50 ޕަސެންޓް ފައިސާ ދިނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް ކަމަށާއި އަދި ބާކީ ހުރި ހުރިހާ ފައިސާއެއް ވެސް ދޫކޮށްފައިވަނީ މަސައްކަތް ނިމުމުގެ ކުރިން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފަައިވެއެވެ.

އަދި މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ފައިސާ ދޫކުރަން ތައްޔާރުކޮށްފައިވާ ޕޭމަންޓު ވައުޗަރުުގައި އަޝްމަލީ ސޮއި ކޮސްފައިވާ ކަމަށާއި ނަމަވެސް އޭނާއަކީ އެންސީއައިޓީން ފައިސާ ދެއްކުމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ނޫން ކަން ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.