މޯލްޑިވިއަން

މޯލްޑިވިއަނުން ހަނިމާދޫން ކޮޗިންއަށް ކުރާ ދަތުރުތައް އަންނަ މަހު 28ގައި ފަށަނީ

ޝަހީދާ އަބްދުﷲ ސައީދު

ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކުރަން ނިންމާފައިވާ ސީދާ ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށަން ނިންމައިފިއެވެ.

ހަނިމާދޫ އިން ކޮޗިންއަށް ދަތުރުތައް ފެށުން އިފްތިތާހް ކުރުމަށް ކޮޗިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން އެއާލައިންސް ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ހަނިމާދޫ އާއި ކޮޗިންއާ ދެމެދު އަންނަ މަހުގެ 28ގައި ދަތުރުތައް ފަށައި، ހަފްތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށެވެ.

އަދި އަލަށް ފަށާ މި ދަތުރުތަކާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު ބޭނުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައިސް، ރާއްޖޭގެ ރީތި ދޮންވެލި ގޮނޑުދޮށްދޮށާއި ވިލު ނޫކުލައިގެ މޫދާއި މި ހޫނުކަން އިހުސާސްކުރަން، މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަން ލިބި، އަތްފޯރާފަށުގައި ފަތުރުވެރިންނަށް ރާއްޖެ ބަލައިލެވޭނެ.'' ޖެނީފާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމު ''ވަން'' ވިދާޅުވީ، މާލެއިން ކޮޗިންއަށް ފުރާ ފަރާތްތަކުން ވެސް ކޮޗިންއަށްދާނީ ހަނިމާދޫގައި ޓްރާންސިޓް ކުރުމަށްފަހު ކަމަށެވެ.

''ސީދާ ޑައިރެކްޓްކޮށް ހަނިމާދޫއިން ކޮޗިންނަށް ދާނީ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ ދާނީ ހަނިމާދޫއަށް. އެތަނުން ގާތްގަނޑަކަށް ވިހި މިނެޓް ތެރޭގައި ކޮޗިނަށް ނައްޓައިލާނެ،'' މޫސަ ވިދާޅުވިއެވެ.

މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަން އިން މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ދަތުރުކުރެއެވެ. އޭގެ ތެރޭގައި ބެންކޮކާއި ޗެންނާއީ، ޑާކާ، ހުވާން ހިމެނެއެވެ.