ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް ބާއްވާ ސިލްސިލާ ރޯޑް ޝޯ، ''ޖާނީ ޓު ސަނީ ސައިޑް'' ހަވަނަ އެޑިޝަން ފަށައިފިއެވެ.
އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ މި ރޯޑް ޝޯގެ ހަވަނަ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޖަރުމަނު އަދި އޮސްޓްރިއާގައެވެ. އެގޮތުން އިއްޔެ މި ރޯޑް ޝޯ ފައްޓާފައިވަނީ ޖަރުމަނުންނެވެ. ޖަރުމަނުގައި ތިން ދުވަހުގެ މުއްދަތަކަށް މި ރޯޑް ޝޯ ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ރޯޑް ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޖަރުމަނުގެ ކޮލޯން، ފްރެންކްފާރޓް އަދި މިއުނިކްގައެވެ.
ޖަރުމަނު އަދި އޮސްޓްރިއާގެ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި ރާއްޖެ ތަމްސީލު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ރޯޑް ޝޯ އޮސްޓްރިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އެގައުމުގެ ވިއެނާގައި ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ. އެއީ އަންނަ ބިރާސްފަތި ދުވަހުގައެވެ. މި ދެ ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދެ ގައުމުގެ އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެއަށް މިހާރަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ރޯޑް ޝޯގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އަދި ދެ ގައުމުގެ އޮޕްރޭޓަރުންނާއި ބައްދަލު ކުރާއިރު ޑެސްޓިނޭޝަން ޕްރެސެންޓޭޝަނެއް ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ލަކްސް ނޯތު އެޓޯލް ރިސޯޓުން ސްޕޮންސާކޮށްފައިވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.