ނުހައްގުން ދީފައިވާ ފްލެޓްތަކުގެ މައްސަލް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ފްލެޓް ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒު އަދުނާން އަދި އެ ކޮމިޓީގެ މެންބަރު އަހުމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ.
އިއްޔެ މުއިއްޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އޭނާ ފްލެޓް ކޮމިޓީގެ ނައިބު ރައީސް އަދި މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތޮލާލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ފްލެޓް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. ތޮލާލް ވިދާޅުވީ އޭނާ ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގައި މަސައްކަތް ކުރައްވަމުން ކޮމިޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ކަމަށެވެ. އަދި މިއީ ވަގުތު ދީގެން، ވީހާވެސް އަވަހަށް ކޮމިޓީގެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެ ފަރާތަކަށް ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް ކަމަށް ތޮލާލް ވިދާޅުވިއެވެ. ތޮލާލަކީ ޓީއެމް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލެޓް ކޮމިޓީން މުއިއްޒު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އަދި މުއިއްޒުގެ ބަދަލުގައި ކޮމިޓީއަށް އޮގަސްޓް 29 ގައި އިތުރު ބޭފުޅަކު އައްޔަން ކުރެއްވި ކަމަށް ހޫދު ވިދާޅުވިއެވެ. މުއިއްޒު އިސްތިއުފާ ދެއްވުމުން ކޮމިޓީއަށް ދެން އައްޔަން ކުރައްވާފައިވަނީ ފާތިމަތު ޒީނާ އަލީ އެވެ.
ހޫދު ވިދާޅުވީ ތޮލާލް ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހު ނުވައެއްގައި ކަމަށެވެ. އަދި ހަމަ އެދުވަހު ތޮލާލްގެ ބަދަލުގައި ކޮމިޓީއަށް އދ. މާމިގިލި ތޯހާ މުހައްމަދު އައްޔަން ކުރައްވާފައި ވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
ދެބޭފުޅުން ފްލެޓް ކޮމިޓީން އިސްތިއުފާ ދިނުމާއި ގުޅިގެން އަލަށް ކޮމިޓީއަށް އައްޔަން ކުރެއްވި ދެބޭފުޅުންގެ އިތުރަށް މިހާރު ކޮމިޓީގައި ތިއްބެވީ ޝީރީން ނާހިދާ ލަތީފު، ފާތިމަތު ރަޝީދާ އަދި ޝުހައިިލް މުހައްމަދު އެވެ. މިދިޔަ އަހަރު ޑިސެމްބަރު 31ގައި ރައީސް ފްލެޓް ކޮމިޓީ އެކުލަވާލައްވާފައި ވަނީ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައެވެ.