މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމުގެ ގޮތުން ފޭކް ލިޔުމެއް ތައްޔާރު ކުރަން ރޭވުމުގެ ތުހުމަތުގައި ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަމުންދާތީ، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރީ، ރިލްވާންގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލަ، މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނުން ރަސްމީކޮށް މިއަދު އަންގާފައިވާ ކަމަށެވެ.
އެހެންކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގައިވާ ގޮތުގެ މަތީން، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ރިލްވާންގެ މައްސަލައާ ގުޅިގެން 2016 ޖެނުއަރީ 24 ވަނަ ދުވަހު ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނެއްގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ދެ ފުލުހަކު އޭނާއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އަދި އެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުނުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ނަމަވެސް ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ފުލުހުންގެ ދެ މީހުން ބުނި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި އެހެން ބުނުމުން، ދެ ފުލުހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.