ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ލީޑަރަކު ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރަނީ ދުނިޔޭގެ ކޮން ނިޒާމެއްގައިތޯ ސުވާލު އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވެއްޖެއެވެ.
ގާސިމަށް ސައީދު ފާޑު ވިދާޅުވީ، ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް އިއްޔެރޭ މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީ ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައިވާތީއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަން ގާސިމު ވިދާޅެއް ނުވެއެވެ. ވިދާޅުވީ، އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ޕާޓީންކަމަށެވެ.
އިއްޔެރޭގެ ރަސްމިއްޔާތުގައި ގާސިމް ވަނީ ރައީސް ނަޝީދަށް ވެސް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ދަތި ކުރައްވަމުން ގެންދަވާ ކަމަށާއި ރައީސްގެ ގައިކޮޅުގައި ރައީސް ނަޝީދު "ޖައްސަވަމުން" ގެންދަވާ ކަމަށެވެ.
ގާސިމްގެ އެ ވާހަކަތަކަށް އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ފާޑުކިޔަމުންދާއިރު، ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން، ރައީސަކަށް ހުންނަވާ ބޭފުޅަކަށް ޗެލެންޖު ކުރައްވައި، ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވުމަކީ ދުނިޔޭގެ ކޮން ނިޒާމެއްގައި އޮންނަ ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ސަރުކާރަށް ނަތީޖާ ނުނެރެވެނީ ނަޝީދުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވެފައިވާތީ އެކަމަށް ވެސް ސައީދު ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ، "ބައިކޮޅަށް ގޯލު ޖަހަނީ ހަމަ ބައިކޮޅުގައި ތިބި މީހުން" ކަމަށެވެ.
ސައީދު މިމޭރުމުން ގާސިމް އިބްރާހީމަށް ފާޑުވިދާޅުވި އިރު، އޭނާ އަކީ އެތައް އަހަރެއް ވާންދެން ގާސިމް އިބްރާހީމްގެ ވަޒީފާގައި އުޅުއްވައި ރައީސް ޔާމީންގެ ވެރިކަމުގައި ޖޭޕީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.