ދުނިޔެ

އެމެރިކާގެ އެޓާނީ ޖެނެރަލް މަގާމުން ވަކިކޮށްފި

މުހައްމަދު އައުޒަމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ އެޓާނީ ޖެނެރަލް ގެ މަގާމުގައި ހުންނެވި ޖެފް ސެޝަންސް މަގާމުން ވަކިކުރައްވައިފި އެވެ.

ޖެފް މަގާމުން ވަކި ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ޓްރަމްޕްވަނީ ޖެފް މަގާމުގައި ހުންނެވި ދައުރުގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހުސްވެފައިވާ މަގާމަށް ދާއިމީ މީހަކު ވަރަށް އަވަހަށް އައްޔަން ކުރާނެ ކަމަށް ޓްރަމްޕްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ޖެފް މަގާމުން ދުރުކުރުމާއެކު ވަގުތީގޮތުން އެމަގާމު ހަވާލުކުރައްވައިފައި ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ޗީފް އޮފް ސްޓާފް މެތިއު ވިޓެކާއެވެ.

ޖެފް އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ ޒައާމަތުގައި އެމެރިކާގައި ހުއްޓިފައިވާ ގާނޫނުތައް ހަރުދަނާކުރައްވައި އެގާނޫނު ތަކަށް އަމަލު ކުރުވުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރެއްވި ކަމަށާއި އެކަމުގައި ޓްރަމްޕުގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. އޭނާ އިސްތިއުފާދެއްވީ ޓްރަމްޕުގެ އެންގެވުމަށް ކަމަށް ވެސް ޖެފް ގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.