އިމިގްރޭޝަން

ރާއްޖޭގައި އިންސާނީ ވަގުފާރިކުރާ 24 ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި އިންސާނީ ވަގުފާރިކުރާ ކަމަށް ތުހުމަތުކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ ފުލުހުންނާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ އިރު، އެމައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނީ ވަގުފާރީގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުނީގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން އެތެރެކުރާ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.

އެ 24 ކުންފުނީގެ މައްސަލަ ބެލުމަށްފަހު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ މި ފަދަ މައްސަލަތަކަކީ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ މައްސަލަތަކަށް ވާތީ، ތަހުގީގުގެ މަރުހަލާގައި ކުންފުނިތަކާ ބެހޭ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގުލަދޭޝް މީހަކާއި ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރުމާއި ހުއްދަނެތި ވިޔަފާރިކުރުމުގައި އުޅުނު ބަންގުލަދޭޝް މީހަކު މިދިޔަ ހޮނިހިރު ދުވަހު ވަނީ ޑީޕޯޓްކޮށްލައިފައެވެ.

އެ ދެ މީހުން ޑީޕޯޓް ކޮށްލުމަށްފަހު ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަނަފީ ވިދާޅުވީ، ނުފޫޒުން އެއްކިބާވެ ހުންނަވައި އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.