މިނިސްޓްރީ އޮފް ހެލްތް

ކެންސަރަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ދިވެހި ރާއްޖޭގައި ކެންސަރު ބައްޔަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރ (އާރުސީސީ) އާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާއި، ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ރާއްޖޭގައި ދޭ ކެންސަރު ބަލީގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ރީޖަނަލް ކެންސަރ ސެންޓަރގެ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށާއި މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެހީތެރިކަން ލިބިގެން ދިއުމުގެ އިތުރުން ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް އެހީތެރިކަން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ރީީޖަނަލް ކެންސަރ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ، ކެންސަރު ބައްޔަށް ފަރުވާދިނުމުގައި ވަރަށް ފުންނާބު އުސް އިންސްޓިޓިއުޓެއް ކަމަށާއި މި ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި މިބަލި ދެނެގަނެ އެންމެ އެކަށޭނެ ފަރުވާދިނުމުގެ އިތުރުން މި ބަލިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމާއި ރީހެބްލިޓޭޓް ކުރުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.