ވަން މީޑިއާ ގުރޫޕް

''ވަން''ގެ ސީއީއޯ ސިނާނަށް އަލިމަސް ގަލަން، ޑެޕިއުޓީ އެޑިޓަރު ޒަކީއަށް ރަން ގަލަން

2

ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތަކުގެ އަގު ވަޒަންކޮށް ދޭ އަލިމަސް ގަލަން "ވަން އޮންލައިން"ގެ ސީއީއޯ ސިނާން އަލީ އަށް އަދި ރަން ގަލަން "ވަން އޮންލައިން"ގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ (ޒަކީބެ) އަށް ލިބިވަޑައިގެންފި އެވެ.

މި ދެ ބޭފުޅުންނަށް އެ އެވޯޑް ދެއްވީ، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އަލިމަސް ގަލަން ސިނާން އަށް ދެއްވީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ. އަދި ރަން ގަލަން ޒަކީއަށް ދެއްވީ ނިޝާން އިޒުއްދީނުގެ ވެރިޔާގެ ލަގަބް އަރުވާފައިވާ އައްބާސް އިބްރާހިމްއެވެ.

މިއަދު ނޫހުން 2000 ވަނަ އަހަރު ނޫސްވެރިކަން ފެއްޓެވި ސިނާން ވަނީ އެ ނޫހުގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރު ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ ފަހުން ދުވަހު ނޫސް ހަވީރު ނޫހުގައި ސިނާން މަސައްކަތްކުރެއްވި އެވެ. ސިނާން ވަނީ ދުވަހު ނޫސް ޖަޒީރާ އަށާއި ހުވާސް މަޖައްލާ އަށް ކޮލަމިސްޓެއްގެ ގޮތުން ލިޔުއްވައިފަ އެވެ. ސިނާން ގެންދަވަނީ މަތީ ތައުލީމަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރޭ އިނގެރޭސި މަޖައްލާ "ޔުނިވަސިޓީ އެޑިޔުކޭޝަން ގައިޑު"ގެ އެޑިޓަރުކަން 2005 ވަނަ އަހަރުން ފެށިގެން ކުރައްވަމުންނެވެ. ސިނާން ވަނީ ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް މީޑިއާ ސްޓޭޝަން ކަމަށްވާ "ސަން މީޑިއާ ގުރޫޕް" ގެ ސީއީއޯކަން 10 އަހަރު ދުވަހު ކުރައްވައިފަ އެވެ. އެ މީޑިއާގެ ދަށުން ހިންގި، ސަން އެފްއެމް އާއި ސަން ޓީވީ ގެ ސީއީއޯ އަކީ ވެސް ސިނާން އެވެ. އަދި އެ މީޑިއާގެ ދަށުން ނެރެމުން އަންނަ "ސަން މަޖައްލާ" އާއި ޓޫރިޒަމް މެގަޒިން "މޯލްޑިވް އައިލެންޑްސް" އަދި "ސަން އޮންލައިން" ގެ އެޑިޓަރުކަން ވެސް 2018 ވަނަ އަހަރާ ހަމަޔަށް ސިނާން ވަަނީ ކުރައްވައިފަ އެވެ.

ނޫސްވެރިކަމަށް ސިނާން ކުރައްވަމުން ގެންދަވާ ހިދުމަތުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތުން ވަނީ ނޫސްވެރިކަމަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު އޭނާ އަށް 2015 އަހަރު ދެއްވައިފަ އެވެ.

އިންޑިއާގެ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްއިން ނޫސްވެރިކަމުގެ ދާއިރާން ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވައިގެން ހުންނެވި ސިނާނަކީ ހަބަރާއި ރިޕޯޓު އަދި ކޮލަމް ލިޔުއްވުމުގެ އިތުރުން ޕްރެޒެންޓު ކުރުމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ސަންއެފްއެމް އާއި ސަން ޓީވީން ގެނެސްދިން "އާ ފެށުން" އަދި "ފިނިއަށި" ޕްރޮގްރާމަކީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ދެ ޕްރޮގުރާމެކެވެ. ސިނާން ވަނީ މެދުކެނޑުމެއް ނެތި އެތައް އަހަރެއް ވާންދެން އެ ދެ ޕްރޮގްރާމް ހުށަހަޅުއްވައިފަ އެވެ.

ރަން ގަލަން ލިބިވަޑައިގެންނެވި ޒަކީ އަކީ ލިޔުންތެރިއެއްގެ ގޮތުންނާއި ހަބަރާއި މައުލޫމާތު ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށް ފެތުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ނޫސްވެރިއެއްގެ ގޮތުގައި މިއަދު ނޫހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ސަން މީޑިއާ ގުރޫޕާ ގުޅިވަޑައިގެން އެ ސަން އޮންލައިންގައި އަދި ސަން ޓީވީ ގައި ޒަކީ ވަނީ މަސައްކަތް ކުރައްވާފަ އެވެ. ސަން މީޑިއާ ގުރޫޕުގައި 10 އަހަރު މަސައްކަތް ކުރެއްވި އިރު، ވަން މީޑިއާ ގުރޫޕަށް ގުޅިވަޑައިގެންނެވުމުގެ ކުރީން ޒަކީ ވަނީ ސަން ޓީވީގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް ގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޒަކީ އަކީ މައިދާނުގައި މަސައްކަތް ކުރެއްވުމުގައި ދިގު މުއްދަތެއް ވާންދެން ސާބިތުކަމާ އެކު ދެމިތިއްބެވި ތަޖުރިބާކާރު މަދު ނޫސްވެރީންގެ އެކެކެވެ. ސިޔާސީ ދާއިރާ އާއި އިޖުތިމާއީ މައްސަލަތަކަށް ލިޔުއްވުމުގައި ޒަކީ އަކީ ފާހަގަކޮށްލެވޭ ނޫސްވެރިޔެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟