ކުޅިވަރު

ރައީސް ޑރ. މުއިއްޒުގެ ޔޫރޯ ޑްރީމް ޓީމު، މިއީ ތަފާތު ޓީމެއް!

އިމާދު ލަތީފު

ވަން އޮންލައިނުގެ ޔޫރޯ ގައިޑުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޚުތިޔާރު ކުރެއްވި ޑްރީމް ޓީމާމެދު ފުން ވިސްނުމަކުން އަޅުގަނޑުވެސް ވިސްނައިލީމެވެ. އެގޮތަށް ވިސްނުމުގެ ޚިޔާލުއައީ މިދެންނެވި ޔޫރޯ ގައިޑު އާއްމުކޮށް ލޯންޗުކުރުމުގެ ގޮތުން ވަން އޮންލައިނުގެ އޮފީހުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފުޓްބޯޅައިގެ ފަންނީ ތަޖުރިބާކާރަކު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒުގެ ޑްރީމް ޓީމަކީ ހަގީގަތުގައިވެސް ވަރަށް ގިނަބައެއްގެ ޑްރީމް ޓީމަކަށްވާނެއެވެ. އޭނާގެ ނަޒަރުގައި އެ ޓީމަކީ ވަރަށްވެސް "ސެންސިބަލް" ޓީމެކެވެ. އަޅުގަނޑު އެންމެ ފުރަތަމަ ބަލައިލީ ރައީސް ޑރ. މުއިއްޒު ނެންގެވި ޓީމުގައި ހިމެނޭ އެގާރަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައީ މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސައުވީސް ޓީމުގެ ތެރެއިން ކޮން ޓީމަކަށް ނިސްބަތްވާ ކުޅުންތެރިންތަކެއްތޯއެވެ. އެންމެ ބޮޑަށް ޖެހިފައިވަނީ ކޮން ގައުމެއްގެ ކުލަތޯއެވެ.

އެގޮތަށް ބަލައިލިއިރު އެންމެ ގިނައީ އިންގްލެންޑުގެ ކުޅުންތެރިންނެވެ. ރައީސް ޑރ. މުއިއްޒު އިޚުތިޔާރު ކުރެއްވި އެގާރަ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ އިންގްލެންޑުގެ ކުޅުންތެރިންނެވެ. އެއީ ބަޔާން މިއުނިކްގެ ހެރީ ކޭނާއި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމާއި މެންޗެސްޓަރ ސިޓީގެ ކައިލް ވޯކަރާއި މެންޗެސްޓަރ ސިޓީގެ ޖޯން ސްޓޯންސްއެވެ. ދެން އެންމެ ގިނައީ ފްރާންސާއި ޖާރމަނީގެ ކުޅުންތެރިންނެވެ. އެއިން ކޮންމެ ޓީމަކުން ދެ ކުޅުންތެރިން އިޚުތިޔާރު ކުރައްވައިފައިވެއެވެ. ފްރާންސުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި އޭސީ މިލާނުގެ ތިއޯ ހެނާންޑެޒް އެވެ. ޖާރމަނީން ބަޔާން މިއުނިކްގެ މަނުއެލް ނޯޔާރ އާއި ބަޔާލެވަކޫސަންގެ ފްލޯރިއާން ވިޒްއެވެ. ކުރިން މިދެންނެވި 8 ކުޅުންތެރިންގެ އިތުރަށް އެމަނިކުފާނު ދެން ނެންގެވި ތިން ކުޅުންތެރިންނަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހޮލެންޑުގެ ވަރޖިލް ވަން ޑައިކާއި ބެލްޖިއަމްގެ ކެވިން ޑި ބްރުއިނާއެވެ.


ރައީސްގެ ޑްރީމް ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަބަޔަކު ގަބޫލުކުރާ ހަ ފެވަރިޓުންގެ ސްކޮޑުގައި ހިމެނޭ ތަރިއެކެވެ. އެގޮތުން އެ މަނިކުފާނު މި އެގާރަ ކުޅުންތެރިން ނެންގެވީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ވިސްނަވައިފައި ކަމަށް ޔަގީންކުރެވެއެވެ. ވަކިވަކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނަށް ބަލާއިރު ރައީސް ޑރ. މުއިއްޒުގެ ޑްރީމް ޓީމުގައި އެމަނިކުފާނު އެންމެ ގިނަ އަދަދަކަށް ހިމަނުއްވާފައިވަނީ އިނގިރޭސި ލީގުގެ ތަރިންނެވެ. އެ ލީގުން ހަތަރު ކުޅުންތެރިޔަކު ނަންގަވައިފައިވެއެވެ. އެއީ މެންޗެސްޓަރ ސިޓީން ކެވިން ޑި ބްރުއިނާ، ކައިލް ވޯކަރ އަދި ޖޯން ސްޓޯންސް އާއި ލިވަރޕޫލްގެ ވަރޖިލް ވަން ޑައިކެވެ. ޖާރމަނީގެ ލީގުން ތިން ކުޅުންތެރިއެކެވެ. އެއީ ބަޔާން މިއުނިކްގެ ހެރީ ކޭނާއި މަނުއެލް ނޯޔަރ އެވެ. ދެން ބަޔާ ލެވަކޫސަންގެ ފްލޯރިއާން ވިޒްއެވެ. ފަރަންސޭސި ލީގުން އެންމެ ކުޅުންތެރިއެކެވެ. އެއީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭއެވެ.

ސްޕޭނުގެ ލީގުން ނެންގެވީ ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންހަމެވެ. އިޓަލީގެ ލީގުން ތިއޯ ހެނާންޑެޒް އެވެ. ސައޫދީ ޕްރޯ ލީގުން އައްނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިހުރިހާ ކުޅުންތެރިން ނިސްބަތްވާ ލީގުތަކާއި ކުލަބްތަކަށް ބަލައިލީމާ ފެންނަނީ ވަރަށް ބެލަންސް ވިސްނުންފުޅެކެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ ލީގުތަކާއި އަދި އެންމެ މަޝްހޫރު ވަރުގަދަ އަދި ފޯމުގައިވާ ކުލަބުތަކާމެދު އެމަނިކުފާނު ވަނީ ވަރަށް ފުންކޮށް ވިސްނާވަޑައިގެންފައެވެ. އަދި ދިވެހިންގެ ތެރޭގައި އެންމެ ތަރުހީބު ބޮޑު އެންމެ މަގްބޫލު ތަރިންނަަށްވެސް ވަނީ ރިއާޔަތް ކުރައްވައިފައެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ. ޔޫރަޕުން ބޭރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނުކަމަށްވިޔަސް އޭނާގެ ނަން ރައީސްގެ ޑްރީމް ޓީމުގައި ހިމަނުއްވާފައިވަނީ އެހެންވެގެންނެވެ. ވަކިވަކި ކުޅުންތެރިންގެ ޕޮޒިޝަނަށް ބަލާއިރުވެސް އެކުޅުންތެރިންގެ ރިކޯޑުތަކާއި ތަޖުރިބާޔާއި ހުނަރަށް ވަރަށް ބޮޑަށް ރިއާޔަތްކުރައްވާފައިވާ ކަމަށް ފެނެއެވެ.

ރައީސް ޑރ. މުއިއްޒުގެ ޑްރީމް ޓީމު އަތުރާލައްވައިފައިވަނީ ފޯރ ތްރީ ތްރީ ފޯމޭޝަނަށް ކަމަށް ބެލެވެއެވެ. އެހެންކަމަށްވަނީ ވިއްޔާ މިއީ ފުޓްބޯޅައިގެ އެންމެ ބެލަންސް ކަމަށް އެންމެ ގިނަބަޔަކު އެއްބަސްވާ ޓެކްޓިކަލް ފޯމޭޝަނެވެ. ގޯލްކީޕަރަކަށް އެމަނިކުފާނު އިޚުތިޔާރު ކުރެއްވި މަނުއެލް ނޯޔާރއާމެދު ހިސާބަކަށް ވިސްނައިލަން ޖެހުނެވެ. އިޓަލީގެ ޑޮނަރުންމާއާއި ބެލްޖިއަމްގެ ކޯޓުއާގެ މައްޗަށް ނޯޔާރ އިޚުތިޔާރު ކުރެެއްވުމުގެ ސަބަބަކީ ނޯޔާރގެ ތަޖުރިބާ ކަމަށް ޔަގީން ކުރެވެއެވެ. މިފަހަރުގެ ޔޫރޯގައި ވާދަކުރާ އެންމެ ތަޖުރިބާކާރު ކީޕަރަކީ އެއްވެސް އޮޅުމެއްނެތި ނޯޔާރއެވެ. އޭނާ ކުޅެފައިވާ މުބާރާތްތަކުގެ އަދަދަށް ބެލީމާ މިކަން އެނގޭނެއެވެ. ނޯޔާރގެ ކުރިމަތީގައި އެމަނިކުފާނު އަތުރައިލެއްވީ މައިގަނޑު ގޮތެެއްގައި އިނގިރޭސި ލީގުގެ ދަގަނޑު ޑިފެންސެކެވެ. އެއަށް އިތުރު ތާޒާކަމެއް ގެންނެވުމަށް ދެން އިޚުތިޔާރު ކުރެެއްވީ އިޓަލީގެ ލީގުގެ ތަނބެކެވެ. އެހެންވީމާ މި ޑިފެންސާމެދު އެއްވެސް ބަޔަކު ކުރާނެ ޝަކުވާއެއްނެތެވެ.

ކެވިން ޑި ބްރުއިނާ އާއި ޖޫޑް ބެލިންހަމާ ނުލައި ޔޫރަޕުގެ އެއްވެސް މިޑްފީލްޑެއް ފުރިހަމައެއް ނުވާނެއެވެ. ރައީސްގެ ޑްރީމް ޓީމުގެ މިޑްފީލްޑުގެ އިންޖީނު ކަމަށް އެމަނިކުފާނުވެސް އިޚުތިޔާރު ކުރެއްވީ އެ ދެ ކުޅުންތެރިންނެވެ. އެ މިޑްފީލްޑަށް އާރޯކަމާއި ތާޒާކަމާއި އިތުރު ހަކަތަ ގެންނެވުމަށް އެމަނިކުފާނު އިޚުތިޔާރު ކުރެެއްވީ އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނުގެ ލީގު ބަޔާ ލެވަކޫސަނަށް ކާމިޔާބުކޮށްދިނުމުގައި ވަރުބަލިކަމެއްނެތި އެންމެ މުހިންމު ދައުރެއް އަދާކުރި ވިޒްއެވެ. ފޯވާޑް ލައިނުގައި އެމަނިކުފާނު އީޖާދީ އައު ވިސްނުންފުޅަކާއެކު އަޖުމަ ބެއްލެވުމުގެ ނިޔަތެެއް ފާޅުކުރައްވާފައިވެއެވެ. އަރިމަތިން މެދަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެެއްސެވުމަށްފަހު ވާތު އަރިމައްޗަށް ނެންގެވީ އެ ޕޮޒިޝަނަށް ދުނިޔޭގެ އެއްވަނަ އެމްބާޕޭއެވެ. މެދުތެރެއިން ހެރީ ކޭން ނަންގަވައި އޭނާ ޖެއްސެވީ ކަނާތު އަރިމައްޗަށެވެ. ހެރީ ކޭނަށް ޑްރީމް ޓީމުގެ ޖާގައެއް ދެއްވި ސަބަބެއް ކަމަށް ވިސްނެނީ ހުސްވި ސީޒަނުގައި ބަޔާން މިއުނިކަށް އޭނާ ޖަހައިދީފައިވާ ގިނަގުނަ ގޯލްތަކެވެ.

ޑްރީމް ޓީމެއް އިޚުތިޔާރު ކުރެއްވުމަށް އަޅުގަނޑުމެން ދައުވަތު އެރުވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުއިއްޒު ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ސީދާ ސެންޓަރ ފޯވާޑަކަށް ރޮނާލްޑޯ އިޚުތިޔާރު ކުރައްވައިފައެއް ނުވެއެވެ. އެހެން ބޭފުޅުންނާ ޚިލާފަށް ޑރ. މުއިއްޒު އެ ޕޮޒިޝަނަށް ރޮނާލްޑޯ ނެންގެވި ސަބަބެއް ކަމަށް ވިސްނެނީ ޔޫރޯގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލްޖަހާފައިވާ ކުޅުންތެރިއަކީ އޭނާކަމަށްވާތީ އަދި މިއީ ރޮނާލްޑޯގެ އެންމެފަހު ޔޫރޯކަމަަށްވާތީ އޭނާއަށް ހައްގު ކްރެޑިޓް އަދާކުރެއްވުމެވެ. ރައީސް ޑރ. މުއިއްޒަށް ޔޫރޯ ގައިޑުގެ ކޮޕީއެއް އެރުވުމުގެ ރަސްމިއްޔާތުގައި މިކަމާމެދު އަޅުގަނޑުމެން ސުވާލެއް ދެންނެވީމާ ހިނިފުޅުވަޑުވާފައި ވިދާޅުވީ އެއީ އެމަނިކުފާނަށް ފެނިވަޑައިގެންނެވިގޮތް ކަމުގައެވެ. ދެންވާ އެއްޗެއް ބަލަން ތިބެމާ ހިނގާށެވެ. މި ބަސްފުޅުން އަޅުގަނޑުމެންނަށް ނެގުނު މާނައަކީ މިފަހަރުގެ ޔޫރޯގައި ވިދާލާނީ މި ކުޅުންތެރިންނެވެ. ކޮންމެ ބަޔަކު ތަށި ނެގިއަސް އެ ކާމިޔާބީގައި އިސްދައުރެއް އަދާކުރާނީ ހަމަ މިކުޅުންތެރިންނެވެ. ވާއެއްޗެއް ބަލަން ތިބެމާބަހީއެވެ.