ޝަހީދާ އަބްދުﷲ ސައީދު
ވަކި ޖަމާއަތް ހަދައިގެން ރާއްޖޭގައި ބިދޭސީން ދީނީ ނަސޭހަތް ދޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކު މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލު އަފްރާހު ''ވަން'' އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ހުޅުމާލޭ ސެންޓަރަލް ޕާކު ތެރޭގައި ބިދޭސީއަކު ދީނީ ނަސޭހަތް ދޭ ފޮޓޯތަކެއް މީސް މީޑިއާއިން ފެނުމާ ގުޅިގެން އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
ރޭގެ ވަގުތެއްގައި ލިބުނު އެ މައުލޫމާތާ ގުޅިގެން އެކަން މިހާރު ބަލަމުންދާކަމަށް އަފްރާހު ވިދާޅުވިއެވެ.
''މީސް މީޑިއާގެ ޒަރީއާއިން އަޅުގަނޑުމެންނަށް ރޭގެ ވަގަުތެއްގައި ވަނީ ދަރުސްދޭ ފޮޓޯތަކެއް ފެނިފައި. އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް މިހާރު މިދަދީ އެކަން ބަލަަމުން.'' އަފްރާހު ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ނަސޭހަތް ދެނީ އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. އެހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމަކީ މަނާކަމެކެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ހުޅުމާލޭ ސެންޓަރަލް ޕާކު ތެރޭގައި ބިދޭސީއަކު އިނދެގެން، ބިދޭސީން ތަކަކަށް ދަރުސްދޭ ތަނެވެ. އެވަގުތު ޕާކު ތެރޭގައި ގިނަ އަދަދެއްގެ ބަޔަކުވެސް ހަރަކާތްތެރިވާތަން ފެނެއެވެ.
ރާއްޖޭގައި ބިދޭސީން ގާނޫނާއި ގަވައިދާ ހިލާފަށް އުޅެމުންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުމާއި ވިޔަފާރި ކުރުމާއި ބިދޭސީން އެތެރެކުރުން ވެސް ހިމެނެއެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދޮޅުލައްކައެއްހާ ބިދޭސީން ރާއްޖޭގައި ދިރިއުޅޭއިރު، 60،000 އަށް ވުރެ ގިނަ ބިދޭސީން އުޅެނީ ގަވާއިދާ ހިލާފަށެވެ.
ބިދޭސީންގެ މައްސަލަތައް ރާއްޖޭގައި އިތުރުވެފައިވާ އިރު، ހުސްވި ހަފުތާގައި އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިއުމުގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެ ކުރާ ދެ "މާސްޓަރުން" ޑީޕޯޓުކޮށްލާފައެވެ.