އުތުރުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާއި ގުޅިގެން ފެލިވަރުގެ އޮޕަރޭޝަން ފުޅާކޮށްފިއެވެ.
މިފްކޯގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ދީދީ ވިދާޅުވީ، މިދުވަސްވަރު އުތުރުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވި ނަމަވެސް ފެލިވަރުގައި އެކަށީގެންވާ ކެޕޭސިޓީ ނެތް ކަމަށެވެ. އެހެންކަމުން ފެލިވަރުގެ އޮޕަރޭޝަން ފުޅާކުރުމުގެ ގޮތުން ކޫއްޑޫގައި ހުރި ބޯޓުފަހަރު ފެލިވަރަށް ގެންގޮސް މަސްވެރިންނަށް މަސްކިރުވޭނެ މަގު ފަހިކޮށްދީފައިވާކަމަށެވެ.
ފެލިވަރުގެ އޮޕަރޭޝަން ފުޅާކުރުމުގެ ގޮތުން ކޫއްޑޫއިން ބޯޓު ފަހަރު ގެންގޮސް، މިއަދު 300 ޓަނުގެ މަސް ކިރުވާފައި ވެއެވެ.
މިފްކޯ އިން އަންނަނީ މަސް ކިރުވޭނެ ކެޕޭސީޓީ އިތުރު ކުރުމުގެ ގޮތުން، އެހެން ކުންފުނިތަކުގެ ވަސީލަތްތައް ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮރައިޒަން އިން ހިންގާ ށ. ކީކިމިނީ ސްޓޯރޭޖު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ކީކިމިނީ އޮޕަރޭޝަން ފަށާނެ ކަމަށް މިފްކޯއިން ބުނެއެވެ.