ބާ ކައުންސިލް

ފުރިހަމަކުރަން އެނގި ކަންކަން ފުރިހަމަކުރުމުން ބާ ކައުންސިލަށް ފައިސާ ދޫކުރާނެ: ފިނޭންސް

އިބްރާހިމް ޒަކީ

ފުރިހަމަކުރަންޖެހޭ ކަންތައްތައްް ފުރިހަމަކުރުމުން، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގެ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ، ބާ ކައުންސިލް އުފެދިގެން މިހާތަނަށް އައިއިރު، ބަޖެޓު ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅު ކުރައްވައި އެ ކޮމިޝަންގެ ރައީސް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

ގާނޫނީ ވަކީލުންނާ އެކު، އިސްލާމިކް ޔުނިވަސިޓީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، ބާ ކައުންސިލް ހިންގަން ފެށި ފަހުން މިހާތަނަށް ބަޖެޓެއް، އޮފީހެއް އަދި މުވައްޒަފުން ވެސް ލިބިފައި ނުވާ ކަމަށެވެ. ބާ ކައުންސިލްގެ މުވައްޒަފަކަށް މި ވަގުތު ހަމައެކަނި ހުރީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޑރ. މަރިޔަމް ޖަބީން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަކު މުހައްމަދު ޝަނޫނު މިއަދު ވިދާޅުވީ، ބާ ކައުންސިލަށް ކަނޑައެޅި ބަޖެޓް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް، ފިނޭންސް މިނިސްޓްރީއަށް އެންގުމަށް މިދިޔަ ހަފުތާގައި ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ޝަނޫނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަންކަން ފުރިހަމަވުމުން ބަޖެޓް ފައިސާ ދޫކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ޖުލައި 13 ގައި އިންތިހާބުކުރި، ބާ ކައުންސިލާބެހޭ، ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ބާ ކައުންސިލް ހިންގުމަށް ކޮންމެ އަހަރަކު ބޭނުންވާނެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ދޭން ވާނެ އެވެ.

އަދި ކުރިއަށް އޮތް އަހަރަށް ބާ ކައުންސިލަށް ބޭނުންވާނެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ވާނެ އެވެ. ބަޖެޓުގެ އިތުރުން ފައިސާ ހޯދުމުގެ ބާރާއި އެ ފައިސާއިން ކައުންސިލް ހިންގުމަށްޓަކައި ބޭނުން ކުރެވިދާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

މައުމޫން ވިދާޅުވީ ބަޖެޓު ނެތަސް، ބޭރުގެ ބައެއް ފަރާތްތަކުން އެކި ކަންކަމަށް ބާ ކައުންސިލަށް އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި ބަޖެޓު ލިބުމުން ކައުންސިލްގެ ފަރާތުން އިންތިޒާމްކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.