ތަހުގީގު ނުކޮށް ދެ ބިދޭސީން ރާއްޖޭން ޑީޕޯޓް ކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިއްޖެ އެވެ.
އެ މައްސަލަ މަޖިލިސް ކޮމިޓީގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އުޝާމް ވިދާޅުވީ، ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"އަޅުގަނޑު މިއަދު ވާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލުކަމަށް މިކަން ގެނެސް, މިކަން ބަލައިދިނުމަށް އެދިފައި،" އުޝާމް ވިދާޅުވެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު އިމިގްރޭޝަނުން ޑީޕޯޓު ކުރި ދެމީހުންނަކީ 49 އަހަރުގެ ބަންގްލަދޭޝް ފިރިހެނުން ކަމަށްވާ އެމްޑީ ޝަފީގުލް އިސްލާމްއާއި އަބޫ ހަނީފްއެވެ.
މީގެ ތެރެއިން އެމްޑީ ޝަފީގުލް އިސްލާމް ޑީޕޯޓުކޮށްފައިވަނީ އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ އޮފަރޭޝަނެއްގެ ދަށުން، ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައެވެ.
އަބޫ ހަނީފް ޑީޕޯޓުކުރީ އިމިގްރޭޝަން އިން ރާއްޖޭގައި ހުރުމަށް އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާއި ހިލާފުވެގެންނެވެ.
އަބޫ ހަނީފު ވަނީ ރާއްޖޭގައި ބޮޑެތި ކުށްތައްކޮށް ތަފާތު ވިޔަފާރިތައް ކޮށްފައެވެ. އިމިގްރޭޝަނުން ބުނީ އޭނާ ޑީޕޯޓުކުރީ ހުކުރު ދުވަހުގެ ރޭ އެއާރޕޯޓުގައި ހިފެއްޓުމަށްފަހު ނޯޓިސްއަކާ ނުލައި، ހުއްދަ ބާތިލު ކުރުމަށް ފަހުގައި ކަމަށެވެ.
މިހާރުވެސް ރާއްޖޭގައި ލައްކަ އަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. އަދި އޭގެތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބައެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.