ލ. ގަމުގައި ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުޑަ ކުއްޖަކަށް ގަން ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވާ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު "ވަން" އަށް ވިދާޅުވީ، މިއަދު 3:00 އެހާކަންހާއިރު ފެންގަނޑަކަށް ވެއްޓިގެން ދެ އަހަރުގެ ފިރިހެން ކުއްޖަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. ނަމަވެސް ގެނައިއިރު ވެސް ހެއެއް ނެތް ކަމަށާއި އެ ކުއްޖާއަށް މިހާރު ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ފެންގަނޑަކަށް ވެއްޓިފައި ފެނިގެން ގެނައި ކުއްޖެއްކަން. ނަމަވެސް އެކުއްޖާ ފެންގަނޑުގެ ތެރޭގައި ވެއްޓިފައި އޮތީ ކިތައް ގަޑިއިރު ކަމެއް ނޭނގެ،" ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ނިންމާފައިވާ ކަމަށާއި މިރޭ ގާތްގަނޑަކަށް 11:00 ޖަހާކަންހާއިރު މާލެ ފޮނުވާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިއަދު މެންދުރު 3:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި ފަރުވާ ދެމުންދާ ކުއްޖާ ވެއްޓިފައިވަނީ އެ ކުއްޖާ އުޅޭ ގޭގެ ގޯތި ތެރޭގައި ހުރި މަސް ފެންގަނޑަކަށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.