މެންބަރު އާދަމް ޝަރީފް އުމަރު

ޓެރަރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އިސްލާމީ ޝިއާރު ފާޅުކުރަން ހުރަސް އެޅޭނެ: އާދަމް ޝަރީފު

ޝަހީދާ އަބްދުﷲ ސައީދު

ޓެރަރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އިސްލާމީ ޝިއާރު ފާޅުކުރުމަށް ހުރަސްއެޅޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައިވާ ބައެއް އިސްލާހުތަކާ މެދު ކަންބޮޑު ވާ ކަމަށެވެ. ޓެރެރިޒަމް އާއި ހައްދުފަހަނަ އެޅުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅެނީ ރާއްޖެ ބަދުނާމުވާނެ ސިޔާސަތެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

"ޓެރަރިޒަމް މާނާ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅު ކުރުމަށް ހުރަސް އެޅޭނެ. މިކަމާ އިންތިހާއަށް ކަންބޮޑުވޭ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައި މިވަނީ، ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި، ފުރަތަމަ ކިއުން އިއްވި ޓެރެރިޒަމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ހިމަނާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައެވެ.

މި ބިލުގައިވާގޮތުން، ކޯޓު އަމުރެއްނެތި ތަންތަނަށްވަދެ ބަލައި ފާސްކުރުމާއި މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. ގާނޫނުގައި މިހާރު އޮންނަގޮތުން ހައްޔަރުކުރާ މީހާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހެއެވެ.

ޓެރަރިޒަމްކުށުގެ ދާއިރާ ފުޅާކޮށް މި ބިލުގައި، ޓެރަޒިމްގެ ކުށް ކަމުގައި، ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން ވަނީ ކަނޑައަޅައިފައެވެ.

ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ އެބިލުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެނަމަ އެ ކުށްކުށުގެ އަދަބުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ހަނގުރާމައަށް ދިއުމުގެ ކުށެއް ކޮށްފިނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދި ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.