ދުނިޔެ

ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ "މޯލްޑިވްސް އޮފް ޗަންތަބުރި" ބަންދުކޮށްފި

މުހައްމަދު އައުޒަމް

1

ތައިލެންޑުގެ ކްލުންގ ޑިސްޓްރިކްޓުގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ "މޯލްޑިވްސް އޮފް ޗަންތަބުރި" ރިސޯޓު ބަންދު ކޮށްފިއެވެ.

"މޯލްޑިވްސް އޮފް ޗަންތަބުރި" ނަމުން މަޝްހޫރުކަން ހޯދާފައިވާ އެ ރިސޯޓު ބަންދުކުރީ އެގައުމުގައި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހިންގި ރެއިޑެއްގައެވެ. އެ ރެއިޑުގައި އެ ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން ޗަންތަބުރިގެ މެރިންސްއާއި ތައިލެންޑްގެ ޓްރަޓް ޓާސްކްފޯސްގެ ޓީމަކާއި މެރިން ޕާކް އޮފިޝަލުން ބައިވެރިވިއެވެ.

ރާއްޖޭގައި ރިސޯޓުތައް ހަދާފައި ހުންނަ ޑިޒައިނަށް 15 ބަންގަލޯ އެ ރިސޯޓުގައި ހަދާފައި ހުއްޓެވެ. މީގެތެރެއިން ނުވަ ބަންގަލޯއެއް ހުރީ ޕްލެޓްފޯމެއް ބޭނުންކޮށްގެން މޫދުގައި ހަދާފައެވެ.

ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ އެ ރިސޯޓު ހަދާފައިވަނީ އެއްވެސް ހުއްދައެއް ނުނަގައެވެ. އަދި ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ގޮތަށް އަމަލު ކޮށްފައިވެއެވެ.

ގަވަރުނަރު ވަނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި މުޅި ރިސޯޓު ހުރި ބިން ހުސްކުރުމަށް އަންގައިފައެވެ. މިއީ އެހިސާބުގައި ހުރި ފޮރެސްޓެއް ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކަމެއް ކަމުގައި ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ.

އެ ރިސޯޓުގައި މިހާރުވެސް ގިނައަދަދެއްގެ ގެސްޓުން ޗުއްޓީ ހޭދަކުރަމުން ދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ހައި ސީޒަންގެ ދެ މަސްދުވަހަށް އެ ރިސޯޓު ފުލްވެފައިވާ ކަމަށެވެ.

ރިސޯޓު ހުންނަ ޕްރޮވިންސްގެ އާންމު ރައްޔިތުން ދަނީ އެ ރިސޯޓު ބަންދު ކުރުމާ ދެކޮޅު ހަދައިފައެވެ. އެއީ އެ ޕްރޮވިންސްގެ ގިނަ އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީ ހުއްޓިގެން ދާނެތީއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟